ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އަދިވެސް ވަނީ ރާއްޖެއާމެދު ހިތްހަމަ ނުޖެހިފައި ކަމަށާއި މިހަފަތާގައި ފާސްކުރެއްވި އޮނިގަނޑުގައި ސަރުކާރަށް ދެވިފައިމިވާ ފުރުސަތަކީ އިސްލަހުވާން ދީފައިވާ ފުރުސަތެއްކަން އީޔޫގެ އިސްވެރިޔެއް ވިދާޅުވެއްޖެއެވެ.
ޓައިމްސްއޮފް ޖެނީވާގެ ޔޫރޕިއަން ޕާލިމެންޓް މެންބަރު އަދި ޔޫރަޕިއަން ޕީޕަލްސް ޕާޓީން ރާއްޖެއަށް ކަނޑައަޅުވާފައި ރެފަޓުއާ، ތޯމަސް ޑެކޯވްސްކީ ހަވާލާދީ ބުނެފައިވަނީ އީޔޫއިން ރާއްޖޭގެ ހާލަތާމެދު ކަންބޮޑުވެ ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށެވެ. އެހެންކަމުން ފްރޭމްވޯކްފާސްކުރިކުރުމަކީ ރާއްޖެއާމެދު އެޅުނު ފިޔަވަޅެއް ކަމަށާ ފްރޭމްވޯކް ފާސްކުރެވުނީ ރާއްޖޭގެ ހާލަތު ރަންގަޅު ކުރެއްވުމަށް ފުރުސަތެއްދިނުމަޓަކައި ކަމަށް ވެސް ތޯމަސް ވިދާޅުވެފައިވެއެވެ.
މިދިޔަ ޖޫންމަހު ތޯމަސް ވިދާޅުވެފައިވަނީ ރާއްޖެއާމެދު އަޅަންޖެހޭ ފިޔަވަޅުއެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ވަރަށް އަވަށް ފަށާނެކަމަށާއި ރާއްޖޭގެ ސަރުކާރަށް މިހާރުގެ ހާލަތު ބަދަލުކުރުމަށް އަވަސް ފިޔަވަޅެއް އެޅުމަށް ވެސް ގޮވާލާކަމަށެވެ.
އީޔޫއިން މިމަހުގެ 16 ވަނަ ދުވަހު ސަރުކާރުގެ އިސްވެރިންނާމެދު ފިޔަވަޅެއް އެޅުމަށް އޮނިގަނޑެއް ފާސްކުރެއްވި ނަމަވެސް ސަރުކާރުން ވަނީ އިދިކޮޅުފަރާތުގެ ވާހަކަތައް ދޮގުކަން ސާބިތުކޮއް އީޔޫއިން ސަރުކާރާމެދު ފިޔަވަޅު އެޅުން ހުއްޓުވާފައިވާކަމަށް ބުނެފައެވެ.