ގުޅިފައިވާ ކޯލިޝަންގެ ސަރުކާރު ޤާއިމުކުރެވުމުން ޓްރެފިކް ފުލުހުން ބައިތިއްބާނީ ހަމައެކަނި ސްޓިކަރޖަހާކަށް ނޫން ކަމަށާއި ކޯލިޝަނުގެ ސަރުކާރުން މަގުތައް މެނޭޖްކޮށް ބަލަހައްޓާނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ
ހުޅުމާލޭގައި "ވެށިފަހި" ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ފައިޞަލް ވިދާޅުވީ މަގުތައް ރަނގަޅު ފެންވަރުގައި ހަދައި ނިންމުމަކީ ހަމައެކަނި މަގުތައް ހެދުން ނޫން ކަމަށެވެ. މަގުތައް ހެދުމަށްފަހު މަގުތައް ބެލެހެއްޓޭނެ އިންތިޒާމުތައްވެސް ހަމަޖައްސަންޖެހޭނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ހުޅުމާލެ އާއި މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ހައްދުންމަތި ފަދަ ބިން ބޮޑު، މަގުތައް ރަނގަޅު ފެންވަރަށް ހަދާފައިވާ ސަރަހައްދުތަކުން އެކްސިޑެންޓްވުން މަދުކުރަން މަސައްކަތްކުރަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތުގައި މިހާރުގެ ސަރުކާރު މިވަނީ ވަރަށް ބޮޑަށް ފޭލްވެފައި ކަމަށެވެ.
ފައިސަލް ވިދާޅުވީ ހުޅުމާލެއަށް ބެލި ނަމަވެސް އެއަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް އުޅެންޖެހިފައިވަނީ ވަރަށް ބޮޑު ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައި ކަމަށެވެ. އެހެންކަމުން ގުޅިފައިވާ ކޯލިޝަނުގެ ސަރުކާރެއްގައި އެންމެ ބޮޑަށް އިސްކަންދީގެން ކުރާނެ އެއް ކަމަކީ ހުޅުމާލެއަކީ އަމާންތަނަކަށް ހެދުން ކަމަށެވެ.