ކަށިން ހިއްވަރުނެރެ އިންތިޚާބު ކާމިޔާބުކުރަން ގަދައަޅައި މަސައްކަތް ފެށުމަށް ޤާސިމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ކަށިން ހިއްވަރުނެރެ އިންތިޚާބު ކާމިޔާބުކުރަން ގަދައަޅައި މަސައްކަތް ފެށުމަށް ޤާސިމް ގޮވާލައްވައިފި

ކަށިން ހިއްވަރުނެރެ މިއަަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން ގަދައަޅައި މަސައްކަތް ފެށުމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ދިވެހި އެންމެހައި ރައްޔިތުންނަށް ގޮވާލައްވައިފިއެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީން ތައްޔާރުވަމުން ދަަނީ މަކަރުހަދައި އޮޅުވާލައިގެން ގަދަ ދައްކައިގެން ވެރިކަމުގައި ހުންނަން ކަމަށްވާއިރު އިންތިޚާބު ކާމިޔާބުކުރަން ވަރަށް ވިސްނުންތެރިކަމާއިއެކު އެންމެން ވަރަށް ބޮޑަށް ގުޅި އެކަތިގަނޑަކަށްވެ އެއްބައެއްގެ ގޮތުގައި މަސައްކަތްކުރަން ްޖެހިފައިވާ ކަމަށް ދެކަވަޑައިގަންނަވާ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ވަގުތު ދަނީ ފާއިތުވަމުން ކަމަށާއި އެމީހަކަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރަން ވީހައި އަވަސްކުރަންޖެހޭކަމަށް ވެސް ޤަބޫލުފުޅުކުރައްވާ ކަމަށެވެ. އަދި މިކަމުގައި އަނބިދަރިންނާއި ޢާއިލާތަކާއި ރައްޓެހި ރަޙްމަތްތެރިން ވެސް ބައިވެރިކޮށްގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށެވެ.

ކޮންމެ މަސައްކަތެއްވެސް ކާމިޔާބުކުރެވެނީ ﷲ ތައާލާގެ ވާގިފުޅުން ކަމަށްވާއިރު ދުޢާކުރުން ގިނަ ކުރުމަށާއި އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ޤާސިމް އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ.

މިއިންތިޚާބުގައި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނުލިބޭނެ ކަމަށާއި ރައްޔިތުންގެ ވޯޓުން ނުހޮވޭނެ ކަމަށާއި ޤާނޫނުތަކަށާއި ޤަވާއިދުތަކަށް ބަދަލު ގެނެސް އިންތިޚާބަށް ބާރާއި ނުފޫޒު ފޯރުވަމުން ގެންދަނީ ރައްޔިތުންގެ ތާއީދު ނަތްކަން މިހާރުވެސް ވަރަށް ރަނގަޅަށް ރައީސް ޔާމީނަށް އެނގޭތީ ކަންވެސް ޤާސިމް އިބްރާހީމް ވަނީ ފާހަގަކުރައްވައިފައެވެ.

ޤާސިމް އިބްރާހީމްގެ މެސެޖް:

"މިއިންތިޚާބުން ޔާމީނެއް ނުހޮވޭނެ. އިން ޝާ ﷲ! ޔާމީން ތައްޔާރުވަމުންދަނީ އޮޅުވާލައިގެން ގަދަ ދައްކައިގެން ހުންނަން ނޫންތޯ؟

ވީމާ ވަރަށް ސާބިތުކަމާއެކު މުރާލިކަމާއި ވިސްނުންތެރިކަމާއިއެކު ރެއާ ދުވާލު ފުރިހަމަ ނިދި ނުނިދާ ތިބެގެން މަސައްކަތްކުރަން އެބަޖެހޭ. ﷲ ތަޢާލާއަށް ދުޢާކުރުން ގިނަ ކުރުމާއިއެކު އެކަކު އަނެކެއްެ ކިބައިން ހިއްވަރު ލިބިގެން.

ކޮންމެ މީހަކުވެސް އެމީހެއްގެ އަނބިދަރިންވެސް ރައްޓެހި ރަޙްމަތްތެރިންވެސް ނެރެގެން ކާމިޔާބުކުރަން މަސައްކަތްކޮށްގެން މިކަން ކާމިޔާބުވާނީ. ބޮޑާވެފަ ކާމިޔާބުވާނެކަމަށް ވިސްނައި ފަރުވާކުޑަކޮށްލައިގެން ކަމަކު ނުދާނެ.

ކޮންމެ މީހަކުވެސް ނެތް ހިތްވަރާއި ފޯރި ނެރެން އެބަޖެހޭ މި އިންތިޚާބު ކާމިޔާބުކުރުމަށް. އެކަތިގަނޑެއްފަދައިން ގަދައަޅައި މަސައްކަތްކުރަން އެބަޖެހޭ. ވަގުތެއް ނެތް އެއްވެސް ވަރަކަށް. ބާރަށް ކުރިއަށް ވަޑައިގަންނަވަންވީ ލަސް ނުކުރައްވާ. އަވަސް އަވަސް އަވަސް ކުރައްވާ!: ޤާސިމް"
މިއަދު އޮންލައިން