އަބުދުﷲ ރިޔާޒާއި ގުޅޭގޮތުން ރައީސް ޔާމީން ވަނީ އިތުރުފުޅު ހައްދަވާފައި: އާއިލާ
ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބް ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒާއި ގުޅޭގޮތުން ރައީސް ޔާމީން ދައްކަވާފައިވާ ވާހަކަތަކަކީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއްކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
ހަނިމާދޫ ރައްޔިތުންނާއި ބައްދަލްކުރައްވާ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި ރިޔާޒާއި ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތައް ކުށްވެރިކޮށް އާއިލާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަބުދުﷲ ރިޔާޒު މިވަގުތު ޖަލުގައި ބަންދުކޮށްފައިހުރީ ފުލުހުން ތުހުމަތުކުރި މައްސަލައަކާ ގުޅިގެން ރިޔާޒްގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް އެންގުމުން ފުލުހުންނާއި ފޯނު ހަވާލުނުކޮށް އަދި ފޯނު ހަވާލުކުރުމަށް އިންކާރުކުރުމުންނާއި ޕިން ކޯޑު ދިނުމަށްވެސް އިންކާރުކުރުމުންކަމަށް ރައްޔިތުންނަށް ދޭހަވާގޮތަށް ރައީސް އަބްދުالله ޔާމީން ވިދާޅުވެފައިވީނަމަވެސް، އެއީ މިމައްސަލައިގައި ކަންހިނގާފައިވާގޮތާ ކަނޑައެޅިގެން ޚިލާފަށް އެމަނިކުފާނު ރައްޔިތުންނަށް އޮޅުވާލެއް ވުމަށް ހައްދަވާފައިވާ އިތުރުފުޅެއްކަމަށެވެ.
2018 ވަނަ އަހަރުގެ މާރޗް 28 ވަނަ ދުވަހު ޢަބްދުالله ރިޔާޒްގެ މައްޗަށް ފުލުހުން ޖިނާއީ ތުހުމަތެއް އުފުލާ ކޯޓު އަމުރަކާ އެކު އައިސް ރިޔާޒްގެ ފޯނު ދިނުމަށް އެންގުމުން ހަމައެވަގުތު ސީންއަށް ހާޒިރުވި ފުލުހުންނަށް ރިޔާޒްވަނީ ފޯނު ހަވާލުކޮށްފައިކަމަށާ އަދި އެފޯނުގެ ޕިންކޯޑު ދިނުމަށް އިއުތިރާޒްކުރިކަމަށް ބުނެ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ދައުވާ އުފުލުމުން އެމައްސަލައިގެ ޝަރީއަތުގެ މަޖްލީހުގައި ޕިން ކޯޑު ފުލުހުންނަށް ދިނުމަށް ފުރަތަމަ އިއުތިރާޒްކުރީ ކޯޓު އަމުރުގައި ޕިން ކޯޑު ދިނުމަށް އެބާވަތުގެ އެހެން އަމުރުތަކުގައި ބަޔާންކޮށްފައި އޮންނަ ފަދައިން ސަރީހަ އިބާރާތުން ނެތުމުންކަމަށެވެ.
އަދި ކޯޓު އަމުރާއި އެއްގޮތަށް ޕިން ކޯޑު ދިނުމަށް ޝަރީއަތުން އެންގުމުން ޝަރީއަތުގެ މަޖްލީހުގައި އަބްދުالله ރިޔާޒް ދިން ޕިން ކޯޑުތަކުގެ ތެރެއިން ޕިން ކޯޑެއް ޖަހައިގެން ފޯނު ހުޅުވިފައިވާތީއާއި، ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް އައި ފުލުހުން ފޯނާއެކު ރިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެއީ ގާނޫނާއި ޚިލާފަށް ކުރެވުނު ހައްޔަރެއްކަމަށް ކަނޑައަޅާ އަދި އެމައްސަލައިގައި ދައުލަތުން ހުށަހެޅި އެހެނިހެން ހެކިތަކުގައި ހުރި ފުށުއެރުންތަކާއި ބަލި ކަށިކަމަށްޓަކައި އެމައްސަލައިގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާކަމަށް އާއިލާގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އޭގެ ފަހުން އެގަޒިއްޔާގައި ނިންމާފައިވާ ނިންމެވުންތަކުގެތެރެއިން ހަމައެކަނި އެމައްސަލައިގައި ރިޔާޒް ފުލުހުން ހައްޔަރުކުރިކަމަށް ނިންމާފައިވާ ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމާ ގުޅިގެން މިބާވަތުގެ މައްސަލަތަކުގައި އާންމުކޮށް އަމަލުކުރެވޭ ގޮތާއި ޚިލާފަށް މުޅި މައްސަލަ އިސްތިއުނާފް މަރުހަލާގައި މައުޟޫއީގޮތުން ބައްލަވާ އެމައްސަލާގައި ކްރިމިނަލް ކޯޓުން ރިއާޔަތްކުރައްވާފައިވާ އިޖުރާއީ މައްސަލަތަކާއި ހެކިތަކުގައި ހުރި ފުށުންއެރުންތަކަކީ އެދައުވާގެ މައުޟޫޢުން ބޭރު ކަންތައްތަކެއްކަމުގައި ބައްލަވާ އެމައްސަލާގައި ރިޔާޒްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާ ނިންމަވާފައިވަނީ އެމައްސަލަ ފުރަތަމަ ބެއްލުވުމާއި ހަވާލުވި ބެންޗު، ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ބަދަލުކުރުމަށްފަހުކަމަށްވެސް އާއިލާއިން ވަނީ ފާހަގަކޮށްފައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެނިންމެވުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި އެއްގޮތްވާ ނިންމެވުމެއް ނޫންކަމަށް ދެކި އެނިންމެވުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ރިޔާޒްގެ ފަރާތުން އިސްތިއުނާފްކުރެވިފައިވީނަމަވެސް މިހާތަނަށްވެސް ސުޕްރީމްކޯޓުން އެމައްސަލައިގެ އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާއިރު ރިޔާޒްގެ މައްޗަށް ކަނޑައެޅުނު އަދަބުގެ ބޮޑުބައެއް މިހާރު ވަނީ ތަންފީޒުކުރެވިފައިކަންވެސް ހިތާމައާއެކު ފާހަގަކުރާކަމަށް އާއިލާގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ އާއިލާއިން ބުނީ ރިޔާޒް ހައްޔަރުކޮށް ބަންދުކޮށްފައިވަނީ އިދިކޮޅު ޕާޓީތަކުންކުރާ އިސްލާހީ މަސައްކަތުގައި ރިޔާޒް އަދާކުރާ ދައުރަށް ހުރަސް އަޅައި ރައްޔިތުންގެ މަޖްލީހުގެ ސާފު އަގްލަބިއްޔަތު ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ލިބުމުން ރައްޔިތުންގެ މަޖްލީހުގައި ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ބަންދުކުރުމަށްޓަކާކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރަސްމީގޮތުން ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅު ދައްކަވާ ފަހަރުތަކުގައި ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކާ ގުޅޭގޮތުން މިފަދަ ހަގީގަތާ ޚިލާފު އިލްޒާމު އަޅުވައި ދޮގުވާހަކަ ދައްކަވަނީ ރިޔާޒާމެދު ރައްޔިތުންގެ ހިތުގައި ނުރަނގަޅު ތަސައްވަރެއް އުފައްދައި ސިޔާސީ ގޮތުން ވަކި ކަހަލަ މަންފާއެއް ހާސިލްކުރުމަށްކަމަށްވެސް އާއިލާއިގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ޚަބަރު: ވީނިޔުސް