ރައީސް މައުމޫން ޖަލުގަ ބާއްވަނީ ފޯނެއް ނުދެއްވައިގެން- ކާނަލް ނާޒިމް އާ އިމްރާނު ބަންދުގަ ބައިތިއްބަނީ ކޮންއެއްޗެއް ނުދީގެން؟
ރައީސް މައުމޫން ޖަލުގައި ބާއްވަނީ ފޯނެއް ނުދެއްވައިގެން ކަމަށްވާނަމަ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމް އާއި އަދާލަލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާނު ޢަބްދުﷲ ބަންދުގައި ބައިތިއްބަނީ ކޮންއެއްޗެއް ނުދެއްވައިގެންބާވައެވެ!
ކާނަލް ނާޒިމްގެ އަތްޕުޅުގައި ދެއްވާނެ އެއްޗަކަށް އޮތީ އެމަނިކުފާނުގެ ހަށިކޮޅު އެކަނި ކަމަށްވާއިރު ނާޒިމް ވަނީ ފުލުހުން އެދުނު ހުރިހާ ކަމެއްގައި ތަޙްޤީޤަށް ފުރިހަމައަށް އެއްބާރުލުން ދެއްވައިފައެވެ.
ނާޒިމްގެ ކޮޓަރިކޮޅަށް ފުލުހުން ވައްދައި ފުލުހުން ނެރުނު ފިސްތޯލައަކީ ނާޒިމް އާއި އެއްވެސް ގުޅުމެއް ނެތް އެއްޗެއްކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ފިސްތޯލައިން ފެނުނީ ނާޒިމްގެ ޑީއެންއޭ ނޫން ކަމާއި ފެނުނީ "ޚާލިދު ބިން ވަލީދު" އެއިރުގެ ނައިބް ރައީސް އަޙްމަދު އަދީބުގެ ޑީއެންއޭކަން ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ނާޒިމްގެ މައްޗަށް އަވަސް އަރުވާލައި، ފުލުހުން ކުރަމުން ގެންދިއަ ތަޙްޤީޤްވެސް ނުނިމެނީސް 11 އަަހަރުގެ ޖަލު ޙުކުމެއް އިއްވީ އެކަން ނުކޮށް ފަނޑިޔާރުންނަށް ލޮލުފިޔަަ ނުޖެހިގެންބާވައެވެ! ނުވަތަ ސަރުކާރުގެ ނުފޫޒުތަކަށް ކެތް ނުކުރެވިގެންބާވައެވެ! ފުލުހުންގެ ތަޙްޤީޤް ނިމުނުއިރު ނާޒިމަށް ޙުކުމްކޮށްފައިވަނީ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް މައްސަލައެއްގައިކަން ހާމަވެފައިވާއިރުވެސް މިނިވަން ނުކޮށް ބަހައްޓަނީ ޤިޔާމަތް ދުވަސް އަންނާނެކަމާއި ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ޤަބޫލުކުރެވޭވަރު ބޮޑުވެފައި ރާއްޖޭގައި އިސްލާމް ދީން ނަގަހައްޓައި ދަމަހައްޓަން ބޭނުންވާވަރު ބޮޑުކަމުންބާވައެވެ!
މިހުރިހާ ޙަޤީޤަތްތަކެއް ހާމަކުރިތާ އަހަރުތައް ފުރެމުންދާއިރުވެސް ނާޒިމަށް އަދިވެސް އޮންނވަން ޖެހިވަޑައިގެންފައިވަނީ ޖަލުގެ ކުޑަގޮޅީގައެވެ. ﷲ ތަޢާލާ އެ ހާލަތުން ސަލާމަތް ކުރައްވަވާނެ ދުވަހަކަށް އިންތިޒާރު ކުރެއްވުން ނޫން އެއްވެސް ގޮތެއް އަދި ފެންނާކަށް ނެތެވެ.
ޝައިޚް އިމްރާން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ބަދަލުކުރީ ކީއްވެގެން ކޮން ބޭނުމަކުކަން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވަނީ ދާދިފަހުން ހާމަކުރައްވައިފައެވެ. މަޚްލޫފް ވިދާޅުވެފައިވަނީ އެ ބޭނުމަކީ ރައީސް ޔާމީނަށް ތާއީދު ކުރުވުން ކަމަށާއި ނަމަވެސް ޝައިޚް އިމްރާނުގެ ނިންމެވުމަކީ އުމުރު ދުވަހު ކުޑަގޮޅީގައި އޮންނަވަން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީނާއިއެކު އެއްވެސް ޑީލެއް ނުހެއްދެވުން ކަމަށެވެ.
ޝައިޚް އިްރާނުގެ މައްޗަށް ޙުކުމް ކުރީ އިންސާފުވެރި ޝަރީޢަތަކުން ބާވައެވެ! ދައުވާ ލިބޭ މީހާ ހުށަހަޅަންޖެހޭ ހެކިތައް ހުށަހެޅުނުބާވައެވެ! ދައުވާ ލިބޭ މީހާއަށް ދިފާޢުގައި ހެކި ހުށަހެޅުމުގެ ފުރުޞަތު ނުދީ ޝަރީއަތްކޮށް ޙުކުމްކުރުން ހުއްދަކުރަނީ އިސްލާމް ދީނުގައި ކޮން ގޮތަކަށްބާވައެވެ! އެކަން ހުއްދަކުރާ ކީރިތި ޤްރްއާނުގެ އާޔަތަކީ އަދި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅަކީ ކޮބައިބާވައެވެ!
ކޮންމެ އަކަސް ގިނަ ބައެއްގެ ސުވާލަކީ ރައީސް މައުމޫން ޖަލުގައި ބަންދުކޮށްފައި ބަހައްޓަނީ އެމަނިކުފާނުގެ ފޯނު ފުލުހުންނަށް ނުދެއްވައިގެން ކަމަށްވާއިރު ކާނަލް ނާޒިމް އާއި ޝައިޚް ިމްރާން ބަންދުގައި ބައިތިއްބަނީ ކޮން އެއްޗެއް ނުދެއްވައިގެން ބާވައެވެ! ނަފުސު ޤްރްބާން ކުރައްވައި ވިއްކަވާލައިގެން ކަމަސްވާނަމަ 2 ބޭފުޅުންވެސް ތިއްބެވީ އެކަން ކުރައްވާ ގޮތަކަށް ނޫން ކަމަށް ޢާއިލާތަކުން ދަނީ ބުނަމުންނެވެ.