ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ދޮގުހަދާ މީހުންގެ އަބުރު ކަތިލާ މީހަކަށްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް: ޑރ. ޙުސައިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންނަށް ދޮގުހަދާ މީހުންގެ އަބުރު ކަތިލާ މީހަކަށްވުމަކީ ވަރަށް ދަށުދަރަޖައިގެ ކަމެއް: ޑރ. ޙުސައިން
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކީ ފައުޅުގައި ރައްޔިތުންނަށް އިތުރުފުޅު ވިދާޅުވެ ކަނޑައެޅިގެން ދޮގު މައުލޫމާތު ދެއްވާ އަދި އެހެން މީހުންގެ އަބުރު ކަތިލައްވާ ބޭފުޅަކަށްވާނަމަ އެއީ ވަރަށް ދަށު ދަރަޖައިގެ އަދި ވަރަށް ނުރައްކައުތެރިކަން ބޮޑު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ނައިބްލީޑަރު ޑރ. ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޑރ. ޙުސައިިން ވިދާޅުވީ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމެއް ކޮށްފި ކަމަށް ބަޔާންކޮށް ކްރިމިނަލް ކޯޓުން އެ ކޯޓުގެ ވެބްސައިޓަށް ލިޔުމެއް އެރުވުމާއި ގުޅިގެން އެ މައްސަލަ ހައިކޯޓުގައި އިސްތިޢްނާފްކޮށްފައި ވަނިކޮށް މައްސަލަ އިސްތިއުނާފް ނުކުރާ ކަަމަށާއި އިސްތިއުނާފް ނުކުރުމުން އެނގެނީ ކޯޓުގެ ޙުކުމް ޤާސިމް އިބްރާހީމް ޤަބޫލުފުޅު ކުރައްވާކަން ކަމަށް ވިދާޅުވެ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމަތީގައި ވާހަކަފުޅު ދެއްކެވުމުން އެކަން ކުރެއްވި މަޤްޞަދުތަކާއިމެދު ވަރަށް ގިނަ ސުވާލުތައް އުފެދޭ ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަކީ އެހެން ސިޔާސީ ލީޑަރުން ބަދުނާމުކުރެއްވުމަށް ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވައި ފުލޯކުވާހަކަތައް ދައްކަވާ ބޭފުޅެއްނަމަ އެއީ ވަރަށް ނުރައްކައުތެރި ކަމެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގަންނަވަން ޖެހޭނީ ކަންކަމުގެ ފުރިހަމަ މައުލޫމާތު ހޯއްދަވައިގެން ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވާންޖެހޭނީ އިތުރުފުޅު ހައްދަވައިގެން އެހެން ލީޑަރުންގެ އަބުރާ އިއްޒަތަށް އަރާވަޑައިގަތުމުގެ ބަދަލުގައި އެހެން ލީޑަރުންނާއިމެދުވެސް ތެދު ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ކަމަށެވެ.

ޑރ. ޙުސައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ވަރަށް ޒިންމާދާރުކަމާއިއެކު ވާހަކަފުޅު ދައްކަވާ އަދި ކަންކަން ބަލަހައްޓަވާ ބޭފުޅަކަށް ވެވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. ޤައުމުގައި ހިނގާ ކަންކަމާއި ނައިބް ރައީސުންނާއި ވަޒީރުން ކުރައްވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކަށް ކަމަށެވެ. "ނަމަވެސް ރާއްޖެއިން ފެންނަމުން މިދަނީ އެފަދަ މަންޒަރުތަކެއް ނޫން. ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ހިނގިނަމަވެސް ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ފަޅާއެރުމުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އެމަނިކުފާނަށް އެއްވެސް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް."

ޑރ. ޙުސައިން މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ތާރީޚުގައި ހިނގައިދިއަ ކޮރަޕްޝަނުގެ އެންމެ ބޮޑު މައްސަލަކަމަށް ރައީސް ޔާމީނު އަމިއްލަފުޅަށް ވިދާޅުވެފައިވާ އެމްއެމްޕީއާރުސީގެ މައްސަލަ އެހިސާބަށް ނުދަނީސް ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން އަދާލަތު ޕާޓީ އާއި ދައުލަތުގެ އޮޑިޓަރ ޖެނެރަލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް އެކަންކަން ގެންގޮސްފައެވެ. އެކަން ގެންދިއުމުން ރައީސުލްޖުމްހޫރިއްޔާ ފައުޅުގައި އެކަންކަން ޤަބޫލުފުޅު ނުކުރައްވައި އެކަންކަމަށް ވަނީ ދެކޮޅު ހައްދަވައިފައެވެ.
މިއަދު އޮންލައިން