މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައަކާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ 10 ދައުވާގެ މިއަދުގެ އަޑުއެހުމުގައި، އެދައުވާތަކަށް އިންކާރު ކުރައްވާ އަދީބު ވަރަށް ބޮޑަށް ކޯފާވެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް އަށް ފާޑު ވިދާޅުވެއްޖެއެވެ.
މިމައްސަލައާއި ގުޅޭގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލްކުރެވުނު އަޑުއެހުމުގައި އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީ އިން ދޫކުރި ރަށްތަކަށް ލިބުނު ފައިސާ މީރާއަށް ޖަމާ ކުރަން ނުޖެހޭ ގޮތަށް ބަދަލުކުރީ ސީދާ ރައީސް ޔާމީން ކަމަށާއި އެއަށްފަހު ލިބުނު ޑޮލަރުތައް މާރުކޮށްގެން ފައިސާތައް ގުނީ ރައީސް ޔާމީންގެ ގެކޮޅުގައި ކަމަށެވެ.
އެމަސައްކަތް ކުރީ ކޮޓަރިއެއްގެ ތެރޭގައި އެގޭގައި އުޅޭ ބިދޭސީއަކާ ޚުދު ރައީސް ޔާމީން ކަމަށް ވެސް ކުރީގެ ނައިބު ރައީސް ވިދާޅުވެފައިވެއެވެ.
އަދީބު ވަނީ ރައީސް ޔާމީންގެ ގެކޮޅަށް އެގޮތަށް 80 މިލިއަން ޑޮލްރުގެ ފައިސާ ވެއްދި ކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި އެވާހަކަތައް ނުދެއްކުމަށާއި ދައްކައިފިނަމަ ޖަލުގައި ދެރަގޮތެއް ވެދާނެ ކަމަށް ރައީސް އެންގެވި ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.