ޕީޕީއެމުން ވޯޓު ފަށަން އުޅެނީވެސް 25،000 "މަކަރު" ވޯޓާއިއެކު ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކޮށްފިއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވި ކޯލިޝަނުގެ އިސް ބޭފުޅަކު ވިދާޅުވީ ސަރުކާރުގައި މަސައްކަތްކުރާ މުވައްޒިފުން ރީރަޖިސްޓްރީ ކުރާ ފޯމްތައް އެމީހަކު މަސައްކަތްކުރާ މިނިސްޓްރީއަކާއި ނުވަތަ އޮފީހަކާއި ހަވާލުކުރަންޖެހޭ ކަމުގެ ޚަބަރުތަކެއް ލިބިފައިވާ ކަމަށެވެ.
"އެހެން އެކަން ވެއްޖެނަމަ އެއިގެ މާނައަކީ އެ ފޯމްތަކަށް ވާނެ ގޮތެއް ނޭނގެއޭ. ރައީސް ޔާމީނަށް ވޯޓު ނުލާނެހެން ހީވާ މީހުންގެ ފޯމްތައް ރީރަޖިސްޓްރީކޮށް ނުދީ ފޯމްތައް ތާށިކޮށްލުމަކީ ވަރަށް ގާތްކަމެއް. އެންމެ ފަހު ވަގުތު ހެދޭނެ ގޮތެއްވެސް ނުއޮންނާނެ. ބުނާނެ ވަގުތު ހަމަވެއްޖެކަމަށް. މިއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް."
އޮފިޝަލް ވިދާޅުވީ މިހެން މިކަން އޮއްވައި 4000 ވަރަކަށް ނުކުޅެދޭ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސްގެ އޮފިޝަލް ކަނޑައަޅާ މީހުން ފާހަގަލުމަކީ ދެވަނައަށް އޮތް އެންމެ ބޮޑު ބިރު ކަމަށެވެ.
އޮފިޝަލް ވިދާޅުވީ މިފަދަ ކަންކަން ކުރަމުން ގެންދަނީ އިންސާފުވެރި މިނިވަން އިންތިޚާބަކުން ރައީސް ޔާމީނަށް ކާމިޔާބު ނުކުރެއްވޭނެ ކަމުގެ ޔަޤީންކަން މިހާރުވެސް ލިބިވަޑައިގެންފައިވާތީ ކަމަށާއި މިއީ ރައްޔިތުން މިހާރުވެސް ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ ކަންކަން ކަމަށެވެ.