މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާން ގެންދާ ނުކުޅެދޭ މަންމައަށް ވޯޓުލައި ދެވޭނީވެސް އޮފިޝަލް ހުއްދަ ދީފިނަމަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އުމުރުން 60 އަަހަރުވީ ނަމަވެސް އަމިއްލައަށް ވޯޓުލެވޭނެ ކަމަށެވެ. އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ނުދީ އެހީތެރިއަކު ވޯޓުލައިދޭނީ ދެ އަތް ސަލާމަތުން ނެތުން، ވޯޓު ކަރުދާސްކޮޅުގައި އަމިއްލައަށް ފާހަގަ ނުލެވޭފަދަ ހާލަތެއްގައި ހުރުން އަދި ލޮލަށް ނުފެނުން ފަދަ މައްސަލަތައް ކުރިމަތިވެފައިވާ މީހުންނަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ އެހީތެރިކަމަށް ބޭނުންވާ މީހުން ގޮވައިގެން ވޯޓުލާން ދާނީ އެމީހަކު ވަރަށް އިތުބާރުކުރާ އަދި ވަރަށް ގާތް މީހުން ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެމީހުންނަށް ވޯޓުލައިދެވޭނީ ވޯޓު ފޮށީގެ ވެރިޔާ އެކަމަށް ހުއްދަދޭ މީހަކަށް ކަމަށެވެ.