މުވައްޒިފުންނާ ޢާއިލާގެ މީހުންގެ އައިޑީ ކާޑުތައް އޮފީސްތަކުގެ ވެރިން އަތުލާކަމުގެ ޝަކުވާލިބޭ: ކޯލިޝަން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
މުވައްޒިފުންނާ ޢާއިލާގެ މީހުންގެ އައިޑީ ކާޑުތައް އޮފީސްތަކުގެ ވެރިން އަތުލާކަމުގެ ޝަކުވާލިބޭ: ކޯލިޝަން
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމަށް ކަމަށްބުނެ މުވައްޒިފުންނާ ޢާއިލާގެ މީހުންގެ އައިޑީ ކާޑުތައް އޮފީސްތަކުގެ ވެރިން އަތުލާކަމުގެ ޝަކުވާލިބެމުން އަންނަ ކަމަށް ގުޅިފައިވާ ކޯލިޝަނުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯލިޝަނުން މިއަދު ބުނީ އޮފީސްތަކުގެ ވެރިން މުވައްޒިފުންނާއި ޢާއިލާގެ މީހުންގެ އައިޑީ ކާޑުތައް އަތުލާނަމަ އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ކޯލިޝަނުން ބުނީ ވޯޓުލުމާއި ގުޅިގެން ޤާނޫނާއި ޚިލާފަށް ކަންކަން ކުރާކަން ފާހަގަކުރެވޭއިރު އެކަންކަން ޙައްލުކުރަން މަސައްކަތްކުރުމުގެ ބަދަލުގައި ކަމާއިބެހޭ މުއައްސަސާތަކަށް ހުށަހަޅަން ބުނެފައި ނިންމާލުމަކީ އެކަންކަން ބަލަންޖެހޭ އިލެކްޝަންސް ކޮމިޝަން ފަދަ މުއައްސަސާއަކުން ކޮށްގެންވާނެ ކަމެއް ކަމަށް ޤަބޫލުނުކުރާ ކަމަށެވެ.

ކޯލިޝަނުން ބުނީ ސަރުކާރުން ބޭނުންވަނީ ތަފާތު ހުރަސްތައް މެދުވރިކޮށް ވޯޓުލާމީހުންގެ އަދަދު ވީހައި މަދުކުރުވަން ކަމަށެވެ. ސަރުކާރުގެ ކުންފުނިތަކުން މުވައްޒިފުން ލައްވައި ނުފުރައި ހުންނަ "ބްލޭންކް ފޯމް" ތަކުގައި ސޮއިކުރުވަމުން ގެންދާ ކަމަށާއި އެއީ އެއްވެސް ޙާލެއްގައި ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ.

ރީރަޖިސްޓްރީ ކުރުމުގެ މައުލޫމާތު އޮޅުންފިލުވަން އެސްއެމްއެސް ކުރުމުން ޖަވާބު ލިބޭ ނިޒާމް އިލެކްޝަންސް ކޮމިޝަނުން މިހާރު ފޭލިކޮށްލާފައިވާ ކަމަށާއި ރަނގަޅުކުރަން 7 ދުވަސް ނަގާނެ ކަމަށް ކޮމިޝަނުން ބުނާކަން ފާހަގަކޮށް ކޮމިޝަނުން ބުނީ މިއީ 3 ގަޑިއިރުތެރޭގައި ރަނގަޅުކުރެވޭނެ ކަމެއް ކަމަށެވެ. އަދި ރަނގަޅުކުރަން 7 ދުވަސް ނަގާނެކަމަށް ބުނަމުން ގެންދަނީ ކަންތައްތަކެއް އޮޅުވާލުމުގެ ބޭނުމުގައި ކަމަށެވެ.
މިއަދު އޮންލައިން