ޕޮލިސް މެމޯރިއަލްޑޭ ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން މާލޭގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަޒްލީން އަޙްމަދުއެވެ. މިރަސްމިއްޔާތުގައި، އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒުއާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ގިނަ ޢަދަދެއްގެ ފުލުހުންނާއި އަދި ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް ޝަހީދުވި ފުލުހުންގެ އާއިލާތަކުން ބައިވެރިވެފައިވެއެވެ.
މީގެއިތުރުން ނޮދަރން އޮޕަރޭޝަންސް ކޮމާންޑާއި ސަދަރން އޮޕަރޭޝަންސް ކޮމާންޑްގައި ހިމެނޭ ހުރިހާ އަތޮޅެއްގައި ޤާއިމްކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުން ވެސް ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ޕޮލިސް ސްޓޭޝަންތަކުގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި، ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ، ފުލުހުންގެ ހަނދާން އާކޮށް، ހަމަހިމޭންކަމުގެ ސުކޫތެއް ގެނެސްފައެވެ. އަދި ޕޮލިސް ސްޓޭޝަންތަކުގައި ނަގާފައިވާ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށް ދުވަހާއި ގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. މިހަރަކާތްތަކުގައި، އަތޮޅު ކޮމާންޑަރުންނާއި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނާއި އާންމު މުވައްޒަފުން ބައިވެރިވެފައިވެއެވެ.
ޖުލައި މަހުގެ 23ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޕޮލިސް މެމޯރިއަލް ޑޭއަކީ، ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވި އެކިއެކި ހާދިސާތަކުގައި މިދުނިޔެއާ ވަކިވެގޮސްފައިވާ، ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.