ރީރަޖިސްޓްރީ ކުރުމުގެ ނަމުގަ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ވާވައްދަނީ ބޮޑު ލަނޑެއް ދޭން: ނާދިރާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރީރަޖިސްޓްރީ ކުރުމުގެ ނަމުގަ އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ވާވައްދަނީ ބޮޑު ލަނޑެއް ދޭން: ނާދިރާ
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމުގެ ނަމުގައި އިލެކްޝަންސް ކޮމިޝަނުން ރައްޔިތުން ވާވައްދަނީ ބޮޑު ލަނޑެއް ދިނުމަށް ކަމަށް ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިއަދު ވިދާޅުވީ ކޮންމެ މީހަކަށް 2 ފޯމް ފުރިދާނެކަމަށާއި އެކެއްގެ ނަމުގައި 2 ފޯމް ހުށަހަޅައިފިނަމަ ކޮމިޝަނުން އެއް ފޯމް ބާޠިލުކުރާނީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ވަރަށް ބޮޑު މަކަރެއް ހަދަން ކޮމިޝަނުން ރާވާތީކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

"މިސާލަކަށް އެމީހާ މަސައްކަތްކުރާ އޮފީހުން އައިޑީ ކާޑު އަތުލައި ސޮއިކުރުވައިގެން ފުރި ފޯމުގަ ރީރަޖިސްޓްރީ ކުރަން އެދިފައި އޮތީ ކޮން ވޯޓު ފޮށްޓަކަށްކަން ނުވެސް އެނގޭ. ފޯމުތަކުގަ ސޮއިކުރުވަނީ ނުވެސް ފުރައި. އެފޯމު ރީރަޖިސްޓްރީކުރަން ނުފޮނުވާފާނެ ކަމަށް ބަލައި އަމިއްލައަށް ފުރާ ފޯމުގައި އެމީހާ ވޯޓުލާން އެދޭ ފޮށްޓާއި އޮފީހުން ފުރާ ފޯމުގައި އެދިފައިވާ ވޯޓުފޮށި ތަފާތުވެއްޖެނަމަ އިލެކްޝަންސް ކޮމިޝަނުން ބާތިލުކުރާނީ ކޮން ފޯމެއްތޯ؟"

ނާދިރާ މިމޭރުމުން ސުވާލު އުފައްދަވާފައިވާއިރު އެތައް ހާސް ބައަކު ރީރަޖިސްޓްރީކުރަންޖެހޭއިރު އެންމެންނާއި ގުޅައިގެން އެމިހާ ބޭނުންވާ ގޮތުގެ މައުލޫމާތު ސާފުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލެއް ނުކުރެއެވެ. މީގެ އިތުރުން އޮފީސްތަކުން ފޯމު ހުށަހަޅާފައިވަނިކޮށް ނުވަތަ ފޯމް ހިފަހައްޓާފައި ވަނިކޮށް އަމިއްލައަށް ފޯމު ފުރައިފިނަމަ އެކަމުގެ މައުލޫމާތު އޮފީހަށް ލިބި، ވަޒީފާ ގެއްލުމުގެ ބިރު ވަރަށް ބޮޑުކަންވެސް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.
މިއަދު އޮންލައިން