މިއަހަރުގެ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވަނިކޮށް ދިވެހިރާއްޖޭގެ ހައިކޯޓަށް ކުއްލި ގޮތަކަށް 2 ފަނޑިޔާރުން އައްޔަނުކުރަން ނިންމުމުން ގުޅިފައިވާ ކޯލިޝަނުން ކަންބޮޑުވުން ފައުޅުކޮށްފިއެވެ.
ގުޅިފައިވާ ކޯލިޝަނުން ބުނީ އިންތިޚާބު ދާދި ކައިރިވެފައިވަނިކޮށް ކުއްލި ގޮތަށް 2 ފަނޑިޔާރުން ހައިކޯޓަށް ހަމަޖެއްސުމުން ކަންބޮޑުވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެތަނުން އެއް ފަނޑިޔާރަކީ ރައީސް ޔާމީން ހިންގެވި ޕީއޭގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅަކަށްވުން ކަމަށެވެ.
ކޯލިޝަނުން ބުނީ އިންތިޚާބާއި ގުޅޭ މައްސަލަތައް ހުށަހަޅަންޖެހޭ ފުރަތަމަ ކޯޓަކީ ހައިކޯޓުކަމަށްވާއިރު މިފަދަ ބަދަލެއް ގެންނަން ނިންމުމުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ. އަދި މުޅި ޤައުމުގެ މަސްލަހަތު ހިމެނޭ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރާ މަސައްކަތްތަކަށް ޖޭއެސްސީއިން ތާއީދުކޮށް އެއްބާރުލުން ނުދިނުމަށް ގޮވާލާ ކަމަށެވެ.
އިންތިޚާބާއި ގުޅިގެން ހުށަހަޅަންޖެހޭ މައްސަލަތަކަށް އަދުލުވެރި ޙުކުމެއް އިއްވައި ފައިޞަލާ ކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ޖޭއެސްސީގެ ކިބައިން އެދޭކަމަށްވެސް ކޯލިޝަނުން ވަނީ ބުނެފައެވެ.