ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އަދިވެސް ޓެބްލެޓް ބަހާނުނިމޭ!

ކިޔުމަށް ހޭދަވާނީ 1މ 53ސ
ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް އަދިވެސް ޓެބްލެޓް ބަހާނުނިމޭ!
2018 ވަނަ ދިރާސީ އަހަރު ސްކޫލްގެ ދެވަނަ ސެމިސްޓަރތެރޭގައި ސްކޫލްތައް ޑިޖިޓަލައިޒް ކުރުމުށް ޓެބްލެޓް ބެހުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމަވާފައިވާއިރު، އަދިވެސް ދަރިވަރުންނަށް ޓެބްލެޓުތައް ބަހާ ނުނިމޭކަމަށް ބައެއް ސްކޫލްތަކުން މިއަދު ބުނެފިއެވެ.

ދެވަނަ ސެމިސްޓަރ ޖޫން 18 ގައި ފެށުނުއިރު ރާއްޖޭގެ ހުރިހާ ސްކޫލް ތަކެއްވަނީ ވައިފައި ކޮއްފައެވެ. އެއާ އެކު ދަރިވަރުން ޓެބްލެޓުން ކިޔަވަން ފަށާނެކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައިވެއެވެ.

ދެވަނަ ސެމިސްޓަރުގެ ކިޔެވުން ފެށުމުން ދަރިވަރުންނަށް ޓެބްލެޓްބަހައި ބޭނުންކުރަން ފަށާނެކަމަށް، އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ކުރިން ވިދާޅުވެފައިވީ ނަމަވެސް އެނާ ފޯނަށް ޖަވާބު ނުދެއްވުމުގެ ސަބަބުން ޓެބަލެޓް ބޭނުން ކުރަން ފަށާނެ ތާރީހެއް ސާފްވެފައެއް ނުވެއެވެ.

ސްކޫލެއްގެ ބޭފުޅަކު މައުލޫމާތު ދިން ގޮތުގައި ވަނީ އެންމެ ފުރަތަމަ ގްރޭޑް އެކެއްގެ ދަރިވަރުންނަށް ޓެބްލެޓު ދިނުމަށްފަހު، އެކުދިން އަތުން ޓެބްލެޓުތައް އަތުލަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައިވެއެވެ.

އެހެންކަމުން ސްކޫލްތަކުން ވަނީ ގްރޭޑް އެކެއްގެ ދަރިވަރުންގެ އަތުން ޓެބަލެޓް އަތުލައި، އެ ޓެބްލެޓްތައް ގްރޭޑް 10 ގެ ކުދިންނަށް ހަވާލުކޮއްފަ އެވެ.

"މިނިސްޓްރީން އެންގީ ގްރޭޑް އެކެއްގެ ދަރިވަރުންގެ އަތުން ޓެބްލެޓް އަތުލަން، އެހެންވެ އެ އެއްޗެހި ފަހުން ހަވާލުކުރީ 10 ގެ ދަރިވަރުންނަށް. މިހާރު އެހެން ގްރޭޑް ތަކަށް ޓެބްލެޓް ހަވާލުކުރަމުން މި އަންނަނީ" ސްކޫލަލުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.

މިހާރު ގްރޭޑް 1-12 އައް ކިޔަވައި ދެމުންދާ 8،459 ޓީޗަރުންނަށް ވަނީ ޓެބްލެޓް ހަވާލުކޮށްފައެވެ. އަދި ޓެބްލެޓް ބޭނުން ކުރަން އަހުލުވެރިކުރުމަށްޓަކައި ޓީޗަރުންނަށާއި ބެލެނިވެރިންނަށް ޕްރޮގްރާމްތަކެއްވެސް ވަނީ ހިންގާފައި ވެއެވެ.

ޓެބްލެޓެއް ގަތުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ހަވާލުކުރެއްވީ މެކްސްކޮމް ކުންފުންޏާ އެވެ. އެގޮތުން 70،000 އައްވުރެ ގިނަ ޓެބްލެޓް ގެނެސްފައިވެއެވެ. ސްކޫލްތަކުގައި ޓެބްލެޓް ބޭނުންކޮށް، ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫއަށް ސަރުކާރުންވަނީ 154 މިލިއަން ރުފިޔާގެ ބަޖެޓެއް ކަންޑައަޅުއްވާފައެވެ.
މިއަދު އޮންލައިން