ބަދަލުގެ ރާޅު ދަނީ ޤައުމުތަކަށް އަރަމުން ކަމަށާއި 23 ސެޕްޓެމްބަރުގައި ރާއްޖެއަށްވެސް އެރަޅު އަރާނެ ކަމަށް ޖޭޕީގެ ރައީސް ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ޢަލީ ވަޙީދު ވިދާޅުވީ ބަދަލުގެ ރާޅު ރާއްޖެ އާއި އެންމެ ގާތުގައި އޮތް ސްރީ ލަންކާއަށް އަރައިފި ކަމަށާއި ޕާކިސްތާނަށް ވެސް އަރައިފި ކަމަށެވެ. މެލޭސިޔާގައި އޮތް ނަޖީބު ރައްޒާޤުގެ ސަރުކާރަކީ ކޮރަޕްޝަނާއި ވައްކަމުގައި ރާއްޖޭގެ ސަރުކާރާއި ވަރަށް އެއްގޮތް ސަރުކާރެއްކަން ފާހަގަކުރައްވައި ޢަލީ ވަޙީދު ވިދާޅުވީ ރާއްޖެ އާއި އެންމެ އެއްގޮތް ވެރިކަމެއް ކުރަމުން އައި މެލޭސިޔާއަށް ވެސް ވަނީ ބަދަލުގެ ރާޅު އަރާފައި ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ވޯޓު އޮޅުވާލުމަށާއި މަކަރުހެދުމަށް ސަރުކާރަށް ކުރެވެން އޮތް ހުރިހާކަމެއް ކުރާނެ ކަމަށާއި ރީރަޖިސްޓްރީ ކުރުމުގެ މަރުހަލާއިންވެސް މިދަނީ އޮޅުވައިލުމާއި މަކަރު ހެދުން ފެންނަމުން ކަމަށެވެ. އެހެންކަމުން އެކަމަށް ރައްޔިތުން ފުރިހަމައަށް ހޭލައި ތިބެ އެންމެން ނުކުމެ ވޯޓުލުމުގައި ބައިވެރިވުމަށް ގޮވާލައްވާ ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ ރައްޔިތުންގެ މަސައްކަތަކަށް މިއަދު ވާންވީ ސަރުކާރުގައި ހުރި މައްސަލަތައް ފާހަގަކޮށް ސަރުކާރާ ދެކޮޅަށް އަޑުއުފުލުން ކަމަށެވެ. އެކަމަށް ހޭދަކުރާ ވަގުތު އިތުރުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. "އެންމެންވެސް މަޝްވަރާކުރަންވީ. ދޮރުން ދޮރަށް ވެސް ހިނގަންވީ. އުންމީދުތައް އައުކޮށް ވެރިކަން ބަދަލުކުރުމުގެ އަޒުމް ވަރުގަދަކުރަންވީ" ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.