ޖޭޕީގެ ޤައުމީ މަޖިލީހުގައި ރަނިންމޭޓަކު ހޮވުމަށް ނެގިވޯޓުގައި ވޯޓުކަރުދާސްކޮޅެއް ބާތިލުކުރަންޖެހުނެވެ. ނުވަތަ އެއް ވޯޓް ބާޠިލްވިއެވެ. އެކަރުދާސްކޮޅުގައި ޢަލީ ޙުސައިންގެ ނަމާއި ދިމާގައި އެއްވެސް ފާހަގައެއް ޖަހާފައެއް ނުވެއެވެ. އިިންތިޚާބު ކުރިއަށް ގެންދިއައީ އެމީހަކު ތާއީދުކުރާ ކެންޑިޑޭޓުގެ ނަމާ ދިމާގައި ހެޔޮފާހަގަ ޖަހައި ތާއީދުކުރާ މެންބަރު ފާހަގަކުރާ ގޮތަށެވެ.
ޢަލީ ޙުސައިން ވަނީ އެ ކަރުދާސްކޮޅު ބައްލަވާލައްވައި އެކަން ޤަބޫލުފުޅު ކުރައްވައިފައެވެ. ވޯޓުގެ ނަތީޖާ އާއިއެކު ފައިޞަލަށް އެންމެ ހޫނު މަރުޙަބާއެއް ވިދާޅުވީވެސް ޢަލީ ޙުސައިންއެވެ. ޢަލީ ޙުސައިން ވިދާޅުވީ އެންމެ މުހިންމު ކަމަކީ އެންމެން ގުޅިގެން މަސައްކަތްކޮށް މިވެރިކަން ބަދަލުކުރުން ކަމަށާއި އެމަސައްކަތްތަކުގައި ސާބިތުކަމާއިއެކު ދެމިހުންނަވާނެ ކަމަށެވެ.
ޢަލީ ޙުސައިން މިރޭވެސް ވިދާޅުވެފައިވަނީ ރަނިންމޭޓް ހޮވަން ބޭއްވި އިންތިޚާބް ޤަބޫލުފުޅު ކުރައްވާ ކަމަށާއި ރައީސް ޔާމީނަށް ފައިދާވާނެ އެއްވެސް ކަމެއްގައި ޢަލީ ޙުސައިންގެ އެއްވެސް ބައިވެރިވުމެއް ނުއޮންނާނެ ކަމަށެވެ.
އިންތިޚާބުގައި ފައިޞަލަށް 15 ވޯޓު ލިބިވަޑައިގެންފައިވާއިރު ޢަލީ ޙުސައިނަށް ލިބިވަޑައިގެންފައިވަނީ 14 ވޯޓެވެ.