ރާއްޖޭގެ ސްކޫލެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ބ.އަތޮޅު މަދަރުސާގައި އިފްތިތާޙް ކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 47ސ
ރާއްޖޭގެ ސްކޫލެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ބ.އަތޮޅު މަދަރުސާގައި އިފްތިތާޙް ކޮށްފި
ރާއްޖޭގެ ސްކޫލެއްގައި ގާއިމްކުރެވުނު އެންމެ ފުރަތަމަ ބީޓެކް ހޮސްޕިޓަރލިޓީ ލެބް ބ އަތޮޅު މަދަރުސާގައި އިފްތިތާޙް ކޮށްފިއެވެ.

ބ ދަރަވަންދޫގައި ހުންނަ ބ އަތޮޅު މަދަރުސާގައި މިރޭ މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލެބް އިފްތިތާހްކޮށްދެއްވީ މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރޒޫޝާން ކަމާލުއްދީނާއި، އަދި މި ލެބް ހެދުމަށް ފައިސާގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ދެއްވި ފަރާތް ކަމަށްވާ ދުސިތް ތާނީ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ މިސްޓަރ ރެއިނޯލްޑް ޖޮހާންއެވެ.

މިރޭ ހުޅުވުނު މިބީޓެކް ލެބް ހެދިފައިވާނީ ރިސޯޓް ތަކުގެ ޑިޕާޓްމަންޓް ތައް ފެންނަ ފަދަ ގޮތަކަށް، އަދި އެތަނުގައި ކްލާސްތައްވެސް ނަގައި ދެއްވޭނެ ގޮތަކަށެވެ.

މިލެބް ޤާއިމް ކުރުމުގައި އެންމެ ބޮޑު އެހީއެއް ވެދެއްވާފައިވަނީ ދުސިތް ތާނީ މޯލްޑިވްސް އިންނެވެ. އެބޭފުޅުން މިކަމަށް ފަންޑް ގޮތުގައި -/5700 ޑޮލަރު ދެއްވައި އަދި އެތަނަށް ބޭނުންވާ ގިނަ ތަކެތި ފޯރުކޮށްދެއްވާފައިވެއެވެ.

މި ލެބަށް ބޭނުންވާ އޭ.ސީ އަދި ކޮމްޕިއުޓަރ ސިސްޓަމްސް ދެއްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުންނެވެ. އަދި މިތަން ހެދުމުގައި އިތުރު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ސްކޫލުގެ ޕީ.ޓީ.އޭ އާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބ އަތޮޅު މަދަރުސާގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ނާސިހް ވަނީ މި ލެބް ގާއިމް ކުރުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ކުރިއެރުންތައް މުސްތަގުބަލުގައިވެސް ހޯދުމުގެ ޢަޒުމުގައި ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފްވެރި މެހެމާން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބީޓެކް ކޯޑިނޭޓަރޒޫޝާން ކަމާލުއްދީން ވިދާޅުވީ ބ އަތޮޅު ސްކޫލުން މި ފެށުނު ޕްރޮޖެކްޓަކީ ރާއްޖޭގެ އެހެން ސްކޫލްތަކުންވެސް ނަމޫނާއަކަށް ބަލައިގަންނަން ޖެހޭފަދަ އަގުހުރި މަސައްކަތެއް ކަމުގައެވެ. ބީޓެކަކީ ކިޔެވުމަށް ދަށް ކުދިން ބައިވެރިވާ މާއްދާއެއް ކަމަށް ދެކެވެމުންއައި ދެކެވުން މިހާރު ބަދަލުވެފައިވާ ކަމަށާއި، ބީޓެކް ދަރިވަރުން މިހާރު ހޯދަމުންދާ ކާމިޔާބީ މިކަމުގެ ހެއްކަކަށް ފުދޭ ކަމަށް ވިދާޅުވިއެވެ. އަދި މިލެބްގެ ސަބަބުން ދަރިވަރުންގެ ކުރިއެރުމަށް އިތުރު އާރޯކަމެއް އަންނާނެ ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޒޫޝާން ވިދާޅުވިއެވެ.

ރާއްޖޭގެ ސްކޫލްތަކުން މިހާރު ހިންގަމުންދާ އިނގިރޭސި ވިލާތުގެ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް – ބީޓެކް މި މާއްދާއިން ދަރިވަރުން އަންނަނީ ގިނަ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން ބީޓެކް ދަރިވަރުން ފުރަތަމަ ފަހަރަށް ސާނަވީ އިމްތިހާން ނިންމާ އިމްތިހާންތަކުން ރާއްޖޭގެ ނިސްބަތުން އެންމެ މަތީ 10 ވަނައިގައި މިއަހަރުވަނީ ހިމެނިފައެވެ.

މީގެ އިތުރުން ބީޓެކް މާއްދާތަކުން " ބެސްޓް އިން މޯލްޑިވްސް " ނުވަތަ ރާއްޖެއިން އެންމެ މަތީ މާރކްސް 43 ދަރިވަރަކު ވަނީ ހޯދާފައެވެ. މިހުރިހާ ދަރިވަރުންނަކީވެސް މިހާރު އެކުއްޖަކު ބީޓެކް ހެދި ދާއިރާގައި މަސައްކަތްކުރާ ނުވަތަ އެދާއިރާއަކުން އިތުރަށް ކިޔަވަމުންދާ ދަރިވަރުންނަށް ވުމަކީ ރާއްޖޭގައި ބީޓެކްގެ ކާމިޔާބުކަން ދައްކުވައިދޭ ހެއްކެކެވެ.
މިއަދު އޮންލައިން