މައުލޫމާތު ބަދަލުވާ އައިޑީކާޑު އަލުން ހަދައިދިނުން މެދުކަނޑާލައިފި

ކިޔުމަށް ހޭދަވާނީ 51ސ
މައުލޫމާތު ބަދަލުވާ އައިޑީކާޑު އަލުން ހަދައިދިނުން މެދުކަނޑާލައިފި
އައިޑީކާޑު ގައިވާ މައުލޫމާތު ބަދަލުވެގެން އަލުން އައިޑީކާޑު ހަދައިދިނުން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް) އިން މެދުކަނޑާލައިފިއެވެ.

ޑީއެންއާރް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ބަދަލު ގެންނަންޖެހޭ އައިޑީކާޑު ހަދައިދިނުން މެދުކަނޑާލީ، ސެޕްޓެމްބަރ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން މިހާރު އެކުލަވާލާފައިވާތީ، މައުލޫމާތަށް އަންނަ ބަދަލެއްގެ ސަބަބުން ވޯޓު ނުލެވިދާނެތީ ކަމަށެވެ.

އިންތިހާބުގައި ބޭނުންކުރާ ވޯޓާސް ލިސްޓާއި ޚިލާފަށް މީހެއްގެ ނަމާއި އެޑްރެހާއި އުފަން ތާރީޚު ބަދަލުވެއްޖެނަމަ ވޯޓުލުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

"މިގޮތަށް ނިންމަން ޖެހުނީ ކުރިއަށް އޮތް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ނުދިޔުމަށްޓަކައި" ޑީއެންއާރް ގެ އިއުލާނުގައި ބުނެފައިވެއެވެ.

މައުލޫމާތު ބަދަލުވާ އައިޑީކާޑު އަލުން ހައްދައި ދިނުމުގެ ޚިދުމަތް އިންތިހާބުގެ ފަހުން އަލުން ދޭން ފަށާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މިއަދު އޮންލައިން