ވޯޓަރސް ލިސްޓުގަ ފޮޓޯ ނުޖެހުމާ މޫނުބުރުގާ އެޅި އަންހެނުންނާ ގުޅުވުން ބަލައިގަނެވޭނެ ގޮތެއް ނެތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ވޯޓަރސް ލިސްޓުގަ ފޮޓޯ ނުޖެހުމާ މޫނުބުރުގާ އެޅި އަންހެނުންނާ ގުޅުވުން ބަލައިގަނެވޭނެ ގޮތެއް ނެތް!

އިލެކްޝަންސް ކޮމިޝަނުން ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖެހުމާއި މޫނުބުރުގާ އެޅި އަންހެނުންނާއި ގުޅުވުން ބަލައިގަނެވޭނެ ގޮތެއް ނެތްކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.
އެގޮތަށް ޤަބޫލުކުރާ މީހުން ފާހަގަކުރާ ބައެއް ކަންކަން:

1- ރާއްޖޭގެ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާންޖެހޭ މީހުންގެ އަދަދާއި މޫނުބުރުގާ އަޅާ އަންހެނުންގެ އަދަދަށް ބަލާއިރު މޫނު ބުރުގާ އަޅަނީ 1 އިންސައްތައަށްވުރެ މަދު ބައަކަަށްވާއިރު އެއީ މުޅި ވޯޓަރސް ލިސްޓަށް ބަލައިގެން ކުރާ ކަމެއްގައި 99 އިންސައްތަ މީހުންގެ ހައްޤުތައް ގެއްލުވައިލުމަށް މަގުފަހުކުރުވޭނެ ކަމެއް ނޫން.

2- މޫނު ބުރުގާ އަޅައިގެން ތިބި އަންހެނުންގެ ފޮޓޯ މޫނު ބުރުގާ އާއިއެކު ހާމަކުރެވިދާނެ. ނޫންނަމަ އެކަނބަލުންގެ ފޮޓޯ ގޮޅި ހުސްކޮށް ބެހެއްޓިދާނެ. އެއިރުންވެސް ވޯޓަރސް ލިސްޓުގައި ފޮޓޯ ނުޖަހަނީ ވޯޓަރސް ލިސްޓުން މަކަރު ހަދަން ކަމަށް ކުރާ ތުހުމަތުތައް ހައްލުވާނެ.

3- މިސަރުކާރަކީ މޫނު ބުރުގާއަށް އިހްތިރާމްކުރާވަރު ބޮޑުކަމުން މޫނު ބުރުގާއެޅުމުން ވަޒީފާއިން ވަކިކުރާ ސަރުކާރެއް. އިސްލާމީ ވަހުދަތު ފަތުރަން މަސައްކަތްކުރާ މިންވަރު ބޮޑުކަމުން މިނީ ސްކަރޓާއި ކޮނޑުކެނޑީގައި ސިވިލްސަރވިސްގެ މުވައްޒިފުން މަސައްކަތްކޮށް ރަސްމީ އިހްތިފާލުތަކުގައި އެގޮތަށް ބައިވެރިވުން ހުއްދަކުރާ ސަރުކާރެއް.

ރައްޔިތުންގެ ގިނަ ބައަކު މިފަދަ ވިސްނުންތައް ހާމަކުރަމުން ގެންދާއިރު ވޯޓަރސް ލިސްޓުގައި ފޮޓޯ ޖަހާ ގޮތަށް ޤަވާއިދު ގެޒެޓް ކުރުމަށްފަހުވެސް އެއީ "ގެޒެޓް" އަމިއްލައަށް ކުރި ކުށަކަށް ހަދައި ޤަވާއިދަށް ވަނީ ބަދަލު ގެނެސް ފޮޓޯ ނުޖަހާ ގޮތަށް ބަދަލުކޮށްފައެވެ.

ގުޅިފައިވާ ކޯލިޝަނުން ބުނަމުން ގެންދަނީ އިންތިޚާބުގައި މަކަރުހަދަން ކުރެވެން ހުރި ހުރިހާ ކަމަކަށް އިލެކްޝަންސް ކޮމިޝަނުން މަގުފަހިކުރަމުން ގެންދާކަމަށެވެ.

ރައްޔިތުންގެ ގިނަ ބައަކު ބުނަމުން ދަނީ ވޯޓަރސް ލިސްޓުގައި 99 އިންސައްތަ ރައްޔިތުންގެ ފޮޓޯ ޖަހަންވީމާ މޫނު ބުރުގާއެޅި 1%އަށްވުރެ މަދު އަންހެނުންގެ ހައްޤުތައް ދުނިޔެއަށް ބޮޑު ކަމަށާއި މޫނު ބުރުގާ އެޅުމުން ވަޒީފާއިން ވަކިކުރަންވީމާ އެކަން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޖަރީމާއަށް ކަމަށެވެ. އެހެންކަމުން ވޯޓަރސް ލިސްތުގައި ފޮޓޯ ނުޖަހަން އިލެކްޝަންސް ކޮމިޝަނުން ދައްކާ ބަހަނާތައް ބަލައި ނުގަންނަ ކަމަށެވެ.
މިއަދު އޮންލައިން