އަދާލަތު ޕާޓީން ބޭނުންވަނީ ހަމައެކަނި ރާއްޖޭގައި ވިހާ މަރުވާ ހިސާބު ބަލަހައްޓަން ނޫން ކަމަށާއި ރާއްޖެއަށް އުފަންވާ ކޮންމެ ކުއްޖަކީ ވެސް ދުޅަހެޔޮ ޞިއްޙަތެއްގައި ބޮޑުވާ ކުއްޖެއްކަން ކަށަވަރުކުރަން ވެސް ބޭނުންވާ ކަމަށް އެޕާޓީން ބުނެފިއެވެ.
ގުޅިފައިވާ ކޯލިޝަނުގެ މެނިފެސްޓޯގައި ހިމަނަން އަދާލަތު ޕާޓީން ބޭނުންވާ 36 ކަމެއް ފާހަގަކޮށް އެކަންކަން ބަޔާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީން ބުނީ ކުއްޖަކު އުފަންވުމުން ޢާއިލާގެ މާލީ ޙާލަތަށް ބަލައި ދައުލަތުގެ މާލިއްޔަތުގައި ޤާބިލުކަން ހުރިވަރަކަށް ބަލައި ކުއްޖާއަށް ބޭނުންވާ އަސާސީ ކަންތައްތައް ފުއްދައިދެވޭނެ ނިޒާމެއް ޤާއިމުކުރަން އަދާލަތު ޕާޓީން ބޭނުންވާ ކަމަށެވެ.
އަދާލަތު ޕާޓީން ހުށަހެޅި ކަންކަމުގެ ތެރޭގައި އިސްލާމް ދީނަށް ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުވުމަށާއި އިސްލާމީ ތައުލީމު ފުޅައު ދާއިރާއެއްގައި ފަތުރަން އަދި އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ޝަރުޢީ ނިޒާމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފަދަ ގިނަ ކަންތައްތަކެއް ހިމެނެއެވެ.
އަދާލަތު ޕާޓީން ބުނީ ރާއްޖޭގެ ކަންކަން މިހާރު މިވަނީ ޤާނޫނީ އިންތަކުންނާއި ރައްޔިތުން އެދޭ ތަރަޙައިން ނެއްޓިފައި ކަމަށާއި މިހާލަތުން ޤައުމު ސަލާމަތް ކުރެވެން އޮތް ހަމައެކަނި ގޮތަކީ ކޯލިޝަނުގައި ހިމެނޭ ސިޔާސީ ޕާޓީތައް ގުޅިގެން މިއަހަރުގެ ރިޔާސީ އިންިޚާބު ކާމިޔާބުކުރުން ކަމަށެވެ.