ރަނިންމޭޓްކަމުގެ ޓިކެޓް ރަސްމީކޮށް ފައިޞަލާއި ހަވާލުކުރުމަށް ޖޭޕީގެ އިދާރާ މ. ކުނޫޒުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ފައިޞަލް ވިދާޅުވީ ސަރުކާރުން ކިތަންމެ ގިނަ ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް ފަހަތަށް ޖެހިވަޑައިގަތުމެއް ނެތް ކަމަށާއި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިންވެސް އެދިވަޑައިގަންނަވަނީ އެންމެން އެމަނިކުފާނާއިއެކު ސާބިތުކަން މަތީ ކުރިއަށް ގޮސް 23 ވަނަ ދުވަހު މިވެރިކަން ނިމުމަކަށް ގެނެސްދިނުމަށް ކަމަށެވެ.
"ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަކީ އެންމެން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ޤާބިލުކަން ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. އެހެންވީމާ ކިތަންމެ ޚިޔާލު ތަފާތު ނަމަވެސް އެންމެން ގޮވައިގެން ކުރިއަށް ވަޑައިގަތުމުގެ ޤާބިލުކަން އިބޫއަށް ވަނީ ލިބިވަޑައިގެންފަ."
ފައިޞަލް މިއަދުވެސް އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރެއްވީ ރީރަޖިސްޓްރޭޝަންގެ މައްސަލައިގައެވެ. ފައިޞަލް ވަނީ ސަރުކާރުގެ މަކަރުވެރިކަމުގެ ދަލުގައި ނުޖެހި ކޮންމެ މީހަކީވެސް ވޯޓުލެވޭނެ މީހެއްކަން ކަށަވަރުކޮށްގެން ހުރުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފައެވެ.