ކޮން 65 އިންސައްތަ އެއް- 20 އިންސައްތަ ވެސް ނުލިބޭނެ: ޢަލީ ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ކޮން 65 އިންސައްތަ އެއް- 20 އިންސައްތަ ވެސް ނުލިބޭނެ: ޢަލީ ޞާލިޙް
ރައީސް ޢަބްދުﷲ ޔާމީނަށް މިފަހަރުގެ ރިޔާސީ އިންިޚާބުގައި 65 އިންސައްތަ ރައްޔިތުންގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށް ބުނެ ވާހަކަތައް ދައްކަނީ ކޯލިޝަންގައި ހިމެނޭ ރައްޔިތުން މާޔޫސް ކުރުވަން ކަމަށާއި ހަޤީޤަތަކީ 20 އިންސައްތަ ވެސް ނުލިބޭނެކަން ކަމަށް ޖޭޕީގެ އިސް ތަރުޖަމާން ޢަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ސިވިލް ސަރވިސްގެ މުވައްޒިފުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒިފުންގެ ތާއީދު ރައީސް ޔާމީނަށް ނެތްކަމަށާއި ނަމަވެސް ފިތިގެން ތިބެނީ އަނބިދަރިންނަށް ކާންދެވޭނެ ގޮތަކާއިމެދު ވިސްނާތީ ކަމަށެވެ. "ﷲ ވާގިފުޅާއިއެކު އެ އެންމެން ވެސް ވޯޓުލާންޖެހޭ ދުވަހު ވޯޓުދޭނީ ޤައުމާއި ރައްޔިތުން ރައީސް ޔާމީނުގެ ކިބައިން ސަލާމަތްކުރަން.

ޢަލީ ޞާލިޙް މިއަދު ވިދާޅުވީ ޕީޕީއެމްގައި މާގިނަ އަދަދެއްގެ ގޮތް ނުއެނގޭ ފައިސާތައް ހުރުމުން ޚަރަދުކުރަމުންގެންދާއިރު ކޯލިޝަނަށް ފައިސާގެ ދަތިކަން އެބަހުރި ކަމަށެވެ. ނަމަވެސް ކޯލިޝަނުގެ ކެންޕޭނަށް ޚަރަދުކުރަނީ މެންބަރުންގެ އަތުގައި އޮތް ޙަލާލު ބައިރުފިޔާ ކަމަށްވުމުން އެކަމަށް ﷲ ތާޢާލާ ބައްލަވައިވޮޑިގެންވާ ކަމަށެވެ.

"އަތުގައި އޮތް ބައިރުފިޔާ ހިފައިގެންވެސް ނުކުންނަންވީ. އަތުގައި އެންމެ ލާރިއެއް ނެތް ނަމަވެސް ނުކުންނަންވީ. ކެންޕޭނު ކުރިއަށް ގެންދަންވީ އެމީހަކަށް ކުރެވެން އޮތް އެންމެ ގަދައަކަށް. ﷲ ތަޢާލާގެ ރުއްސެވުމާއިއެކު 80 އިންސައްތައަށްވުރެ މަތިން ކާމިޔާބުކުރެވޭނެ. 65 އިންސައްތަ ލިބޭނެއޭ ކިޔައިގެން ވާހަކަ ދައްކަނީ ކޯލިޝަނުގެ މެންބަރުންގެ ހިތްވަރު އެލޭނެ ކަމަށް ބަލައިގެން. އެހެން ދައްކާ ދަޅައަށް ކަރު އެލުވައިލާ ގޮތަކަށް ނޫން ކޯލިޝަނުގެ އެތައް ހާސް މެންބަރުން މިއަދު ތިބީ."

ޢަލީ ޞާލިޙް ވިދާޅުވީ ޖޭޕީން ވަނީ މީގެ ކުރިންވެސް ޢާންމުކޮށް ޤަބޫލުނުކުރެވޭނެ ފަދަ ބޮޑެތި ކާމިޔާބީތައް ހޯދާފައި ކަމަށެވެ. "2013 ގެ ރިޔާސީ އިންތިޚާބަށް ބަލައިފިނަމަ 2 ވަނަ ބުރުގަ ރައީސް ނަޝީދު 47%ގެ ތާއީދު ހޯއްދެވި ރައީސް ޔާމީނަސް ލިބިވަޑައިގަތީ އެންމެ 26%. އެހެންކަމުން އިންތިޚާބުގައި ރައީސް ޔާމީނަށް ކާމިޔާބު ހޯދައިދެވޭނެ ގޮތަކާއިމެދު ގިނަ ބައަކު ތިބީ ސުވާލު އުފައްދައިގެން. ނަމަވެސް ޖޭޕީން ނުކުމެ ކުރި މަސައްކަތުން މިއަދު ރައީސް ޔާމީން ވެރިކަމުގަ އެހުންނެވީ. އެކަމަށް ޝުކުރުވެރިވެވަޑައިގަތުމުގެ ބަދަލުގަ "މޮންސްޓަރ" އެއް ފަދައިން ކަންކަން ކުރައްވަމުން އެގެންދަވަނީ."

ޢަލީ ޞާލިޙް ވިދާޅުވީ 80 މިލިއަން ޑޮލަރު ވެއްދި ތަނާއި ފައިސާއަށް ވީގޮތް ކުރީގެ ނައިބް ރައީސް އަދީބް ވިދާޅުވެދެއްވުމުން އެކަންކަން ބެލުމަކީ މިނިވަން މުއައްސަށާތަކުގެ ދައުރެއް ނަމަވެސް އެކަން ކުރެވޭނެ މުއައްސަސާއަކީ ކޮބައިކަމާއިމެދު ސުވާލު އުފެދޭ ކަމަށެވެ. "ހުރިހާ މިނިވަން މުއައްސަސާތަކެއް މިވަނީ ޕެރަލައިޒްކޮށްލާފަ. މިކަންކަން އެމްއެންޑީއެފަށް ރަނގަޅަށް އެނގޭ. މިއަދަކީ އެމްއެންޑީއެފުން އިސް ނަގައިގެން ޤައުމުގެ މިބޮޑު މައްސަލަ ހައްލުކޮށްދޭން މަސައްކަތްކުރަންވީ ދުވަސް."

ޢަލީ ޞާލިޙް ވިދާޅުވީ ޤާނޫނުތަކާއި ޤަވާއިދުތައް ސަރުކާރުން މުގުރަމުން ފުނޑުފުނޑުކުރަމުން ގެންދިއަ ނަމަވެސް ސާބިތުކަންމަތީގައި ތިބެ ދުޢާކުރީމާ ޙައްޤަށް ނަޞްރުލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ހައްޤުގަ. ފައިސާ ނެތްކަމުގެ ދަތިކަން އިހްސާސް ކުރަން. އެކަމަކު އަތުގައި އޮތް ބައިރުފިޔާއަކީ ޙަލާލު ފައިސާ ކަމަށްވީމާ ލިބޭ ހިތްހަމަޖެހުން ބޮޑު. ﷲ ވާގިފުޅާއިއެކު ލިބޭ ކާމިޔާބު ބޮޑުވާނެ." ކަމަށްވެސް ވިދާޅުވިއެވެ.

ޢަލީ ޞާލިޙް ވިދާޅުވީ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް އާއި ޓިކެޓް ހަވާލުކުރުމަށް މިއަދު ހަވީރު ޖޭޕީގެ އިދާރާ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގެ ބައިވެރިންނާއި މުޚާޠަބްކުރައްވައި ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވަނީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ކަމަށެވެ. އެހެންކަމުން މިއީ ކޯލިޝަނަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއް ކަމަށެވެ.
މިއަދު އޮންލައިން