ހައިކޯޓުގެ ފަނޑިޔާރުން ކަމުގެ ހުވާ މުޙައްމަދު ފައިސަލް އާއި ޙުސެއިން ޝަހީދު މިރޭ ކުރައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ފައިސަލް އައްޔަނު ކުރެއްވިއިރު އޭނާ ހުންނެވީ ޖުޑީޝަލް ސާވިސް ކޮމިޝަން ގެ ނައިބު ރައީސް ކަމުގެ މަޤާމުގައެވެ.
ޝަހީދަކީ މިއަހަރުގެ ޖެނުއަރީ މަހު ކްރިމިނަލް ކޯޓަށް އައްޔަނު ކުރެވުނު ފަނޑިޔާރެކެވެ. އެކޯޓުގެ ފަނޑިޔާރުކަމުގައި ޝަހީދު ބެއްލެވި އެންމެ ބޮޑު މައްސަލައަކީ ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު، ދަށު ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާގެ މައްސަލައެވެ. މިދައުވާގައި އެދެބޭފުޅުންނަށް ވެސް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ.
ފައިސަލް އާއި ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާ ކޮށްފައިވަނީ މިރޭ ސުޕްރީމް ކޯޓުގައި މިކަމަށްޓަކައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނާއި ޖޭއެސްސީ ގެ ބައެއް މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. އަދި ދަށު ކޯޓުތަކުގެ އިސް ޤާޒީން ވެސް ބައިވެރިވެ ވަޑައިގަތެވެ.