ޢީސީގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފި

ކިޔުމަށް ހޭދަވާނީ 1މ 25ސ
ޢީސީގެ މެންބަރުކަމަށް ޢަލީ ނަޝާޠު ޢައްޔަން ކުރައްވައިފި
އީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމުގެ މަޤާމަށް، އަރިއަތޮޅު އުތުރުބުރި ފެރިދޫ، ހާލި، ޢަލީ ނަޝާޠު ޢައްޔަންކުރައްވައިފިއެވެ.

ޤާނޫނުއަސާސީގެ 167 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން އުފައްދަވާފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް، ޤާނޫނު އަސާސީގެ 168 ވަނަ މާއްދާގެ (ށ) އާއި، ޤާނޫން ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، ޢަލީ ނަޝާޠު، ޢައްޔަން ކުރެއްވީ މިއަދުއެވެ.

މެންބަރުކަމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން، ޢަލީ ނަޝާޠާއި ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުސްމާންގެ ކުރިފުޅުމަތީގައި، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައި، ޢަލީ ނަޝާޠު ކުރެއްވިއެވެ.

މުޅިއަކު ފަސް މެމްބަރުން ހިމެނޭ ކޮމިޝަންގެ ހުސްވެފައިވާ މި މަގާމަށް ނަޝާތު އައްޔަން ކުރުމަށް ނަން ފާސް ކުރުމުގެ ވޯޓްގައި ބައިވެރިވި 32 މެންބަރުންގެ އިއްތިފާގު ލިބިފައި ވެއެވެ.

ކޮމިޝަންގެ އާ މެންބަރެއް އައްޔަނު ކުރަންޖެހިފައިވަނީ ކުރީގެ މެންބަރު މުހަންމަދު ޝަކީލު މިދިޔަ މެއި މަހުގެ 9 ވަަނަ ދުވަހު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އަދި މިމަގާމުން އިސްތިއުފާ ދިނުމަށްފަހު އޭނާ ވަނީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމް ހަމަޖެހިފައެވެ.
މިއަދު އޮންލައިން