ކެންޕޭނުކުރާނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން: އަދުރޭ - އެއީ ޖިނާޢީ ކުށެއް، މައްސަލަ ބަލަންޖެހޭނެ: ވަކީލް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
ކެންޕޭނުކުރާނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން: އަދުރޭ - އެއީ ޖިނާޢީ ކުށެއް، މައްސަލަ ބަލަންޖެހޭނެ: ވަކީލް ޝަމީމް
ޕީޕީއެމްގެ ނައިބްރައީސް ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ރޭ ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރާ ކެންޕޭނު ކުރިއަށް ގެންދާނީ ދައުލަތުގެ، ސަރުކާރުގެ މުވައްޒިފުންނާއި ވަސީލަތްތައް ބޭނުންކޮށްގެން ކަމަށާއި އެއީ މަލްޓިޕާޓީ ވެރިކަން ކުރުމުގައި ވެރިކަންކުރާ ސަރުކާރަށް ލިބޭ ޙައްޤެއް ކަމަށެވެ.

"ކެންޕޭނު ކުރާނީ މުޅި ސަރުކާރު އެކުގަ ނުކުމެ. އެމީހުންނަށް އެއުޅެނީ އަދި މަލްޓިޕާޓީ ޑިމޮކްރަސީއަކީ ކޮން އެއްޗެއްކަން ނުއެނގިގެން. ޕާޓީ ނިޒާމުގަ ޕާޓީއެއް ވެރިކަމަށް އައިމަ އެޕާޓީއެއް ތަމްސީލުކުރާ ބޭފުޅުން މަޤާމުތަކުގަ ތިއްބަވާނީ. ވަޒިރުންކަމަށްވީނަމަވެސް، އެމްޑީން ކަމަށްވީނަމަވެސް... މަޤާމްތަކަށް ވަޑައިގަންނަވާނީ ޕާޓީ ތަމްސީލުކުރައްވާ ބޭފުޅުން. އެބޭފުޅުން ނުކުމެވަޑައިގަންނަވާނީ ރައީސް ޔާމީނު ވެރިކަމަށް ގެންނަވަން...

އިދިކޮޅު ފަރާތްތަކަށް ދަންނަވަންއޮތީ ހަމަ ސަރުކާރު އެކީގައޭ ނުކުންނާނީ. ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެންނޭ ކެންޕޭނުކުރާނީ. އެއީ ޕާޓީ ނިޒާމު މިތާ އޮތީމަ."

މިކަމާއި ގުޅިގެން ކުރީގެ ޑިޕިޔުޓީ ޕްރޮސެކިޔުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވަނީ އެއީ ޖިނާއީ ކުށެއް ކަމަށާއި އެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. ޤާނޫނުގައި މަނާކޮށްފައިވާ ކަމެއް ކުރާނެ ކަމަށް ބުނުމަކީވެސް ކުށެއް ކަމަށެވެ. އަދި އަދުރޭ އެކުރިކަމަކީ ކުށެއް ކުރުމަށް ހިއްވަރުދީ އެކުށް ކުރުމަށް ގޮވާލުން ކަމަށާއި އެ މައްސަލަ ބަލަންޖެހޭ ކަމަށެވެ.

މަލްޓިޕާޓީ ޑިމޮކްރަސީ އެންމެ ފުރިހަމައަށް އޮންނަ ޤައުމުތަކުގައި ވެސް ވެރިކަންކުރާ ޕާޓީގެ ފަރާތުން ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުން ކެންޕޭން ކުރެއެވެ. ނަމަވެސް ސިވިލް ސަރވިސްގެ މުވައްޒިފުން ލައްވައި ޕާޓީގެ މަސައްކަތްތަކެއް ނުކުރުވައެވެ. ހަމައެއާއިއެކު ޕާޓީން ވެރިކަންކުރި ނަމަވެސް ދައުލަތުގެ ވަސީލަތްތައް ޕާޓީގެ ކެންޕޭނަށް ބޭނުމެއް ނުކުރެއެވެ. އެއީ ކަނޑައެޅިގެން މަނާ ކަންކަމެކެވެ. އަދަބު ލިބޭ ކުށްތަކެވެ.

ރައީސް ޔާމީނުގެ ކެންޕޭނަށް ފައުޅުކަންބޮޑު ގޮތެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން ގެންދާތީ އާއި ސިވިލްސަރވިސްގެ މުވައްޒިފުން ބޭނުން ކުރަމުން ގެންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެކަމަށް ރައްދުދީ އަދުރޭ ރޭ ބުނީ މަލްޓިޕާޓީ ނިޒާމުގައި ވެރިކަން ކުރާ ގޮތް އިދިކޮޅު ޕާޓީތަކަށް ނުއެނގެނީ ކަމަށެވެ. އެހެންކަމުން މަލްޓިޕާޓީ ނިޒާމުގައި ވެރިކަން ކުރާ ގޮތް އިދިކޮޅު ފަރާތްތަކުން ދަސްކުރަންޖެހޭ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ ރައީސް ޔާމީނުގެ ކެންޕޭނަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަނީ ރާއްޖޭގެ ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ ބޭރުން ޚުދުމުޚުތާރު ގޮތުގައި ކަމަށެވެ. އަދި އެކަންކަމާއި ގުޅިގެން މައްސަލަތައް ބަލައި ދައުވާ ކުރެވޭނެ ދުވަހެއް އަންނާނެ ކަމަށެވެ.

އަދުރޭ ރޭ ދެއްކި ވާހަކަތަކާއި ގުޅިގެން ސިޔާސީ އަދި ޤާނޫނީ ގިނަ އަދަދެއްގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފައުޅުކުރައްވަމުންނެވެ.
މިއަދު އޮންލައިން