މިއަހަރުގެ އޮގަސްޓްމަހުގެ 30 ވަނަ ދުވަހަކީ މާލެ އާއި ޙުޅުލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖް ރަސްމީކޮށް ހުޅުވާނެ ދުވަސްކަމަށް ސަރުކާރުން އިއުލާނުކޮށްފައިވާއިރު އޮގަސްޓްމަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ދެވަނަ ރަންވޭ އެޅުމުގެ މަސައްކަތްތައްވެސް ނިމޭނެކަމަށް އެމްއޭސީއެލްއިން ބުނެފިއެވެ.
އެމްއޭސީއެލްގެ ތަރުޖަމާނު ޙަސަން ޢަރީފް މިއަދު ވިދާޅުވީ ރަންވޭ އެޅުމުގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. "ތާވަލުގައި އޮތްގޮތުން އޮގަސްޓް މަހުގެ ނިޔަލަށް ރަންވޭ އެޅުމުގެ ހުރިހާ މަސައްކަތްތަކެއް ނިމޭނެ. ހަމައެއާއިއެކު ސެޕްޓެމްބަރު މަހު ޓެސްޓް ފްލައިޓްތައް ޖައްސަން ފަށާނެ" ކަމަށްވެސް ޙަސަން ޢަރީފް ވިދާޅުވިއެވެ.
ދެވަނަ ރަންވޭ ނިމި ހުޅުވައިލުމުން ދުނިޔޭގައި މިހާރު ބޭނުންކުރާ އެންމެ ބޮޑެތި ފްލައިޓްތަކަށްވެސް ރަންވޭގައި ޖެއްސޭނެއެވެ. ދެވަނަ ރަންވޭ ހުޅުވައިލެވުމުން އެއާޕޯޓަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަތައް ހައްލުކުރެވިގެންދާނެއެވެ.
ބްރިޖް އެޅުމާއި ދެވަނަ ރަންވޭ ތަރައްޤީ ކުރުމުގެ މަސައްކަތަކީވެސް ޗައިނާގެ ކުންފުނިތަކުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫއުތަކެވެ.