ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ 2017 ވަނަ އަަހަރުގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ކިޔޫއައި ކެމްޕަސްގައި މިއަދު ހެނދުނު ބާއްވައިފިއެވެ.
މިރަސްމިއްޔާތުގައި 124 ދަރިވަރުން ވަނީ އިނާމާއި ޓްރޮފީ އަދި ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. އިނާމު ދެވުނު ދާއިރާތަކުގެތެރޭގައި ޖެނެރަލް ޕްރޮފެސަންސީ އެވޯޑް، އޮނަރލިސްޓެޑް އެވޯޑް، ކްލާސް ޕްރައިޒް، ކްލާސް ޕްރޮގްރެސް ޕްރައިޒް، އަދި ސަބްޖެކްޓް ޕްރައއިޒް ހިމެނެއެވެ.
މިރަމިއްޔާތުގައި 15 ދަރިވަރަކު ވަނީ ޓޮޕްއެޗީވަރސް އެވޯޑް (ސްކޫލް ލެވެލް) ޙާޞިލުކޮށްފައެވެ. 21 ދަރިވަރަކު ވަނީ ޓޮޕް އެޗީވަރސް އެވޯޑް (ނޭޝަނަލް ލެވެލް) ޙާޞިލުކޮށްފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ޕްރިންސިޕަލް ސަޢީދު އަޙްމަދު ވިދާޅުވީ އެ ސްކޫލަށް ވަންނަ ކުދިންގެ ދަނީ އަހަރުން އަހަރަށް އިތުރުވަމުން ކަމަށެވެ. އަދި އެސްކޫލަކީ ކޮންމެ އަހަރުކުވެސް ބައިނަލްއަޤްވާމީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދައި ކުރިއަރަމުން އަންނަ ސްކޫލެއް ކަމަށެވެ.
ސަޢީދު އަޙްމަދު ވިދާޅުވީ ކޮންމެ އަހަރަކުވެސް 300 ވަރަކަށް ކުދިން ސްކޫލާއި ގުޅެމުން އަންނަ ކަމަށާއި އެއިގެ ތެރޭގައި ރާއްޖޭގެ ކަންކޮޅުތަކުން 80 ވަރަކަށް ސްކޫލުގެ ދަރިވަރުން ހިމެނޭ ކަމަށާއި އެކަމުން އެނގިގެންދަނީ މުޅި ރާއްޖޭގައި ވެސް އެ ސްކޫލަށް އޮތް ތަރްޙީބް ކަމަށެވެ.
ސަޢީދު ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން އަބަދުވެސް ތިބޭނީ އޮންލައިންކޮށް ގުޅިފައި ކަމަށެވެ. އެހެންކަމުން ބަނދު ދުވަހެއް ނަމަވެސް ޓީޗަރުންގެ އެހީތެރިކަން ދަރިވަރުންނަށް ދާނީ ލިބެމުން ކަމަށެވެ.
ސަޢީދު އަޙްމަދު ވިދާޅުވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ރާއްޖޭގައި ތައުލީމަށް އެންމެ ބޮޑު ހޭދައެއް ކުރެއްވި ފަރުދު ކަމުގައިވާ ވިލާ ކޮލެޖާއި ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމްގެ ތަޞައްވުރެއް ކަމަށެވެ. އަދި އެމަނިކުފާނުު މިހާރުވެސް ގެންދަވަނީ ދަރިވަރުންގެ ތައުލީމަށް އެހީތެރިވެދެއްވަމުން ކަމަށެވެ.
ސާޢީދު އަޙްމަދު ވަނީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރަކީ ވިލާ ކޮލެޖުގެ ރެކްޓަރ ނަމަވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް ހިންގުމުގައި ދެއްވަމުން ގެންދަވާ ސަމާލުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮލެޖުގެ ކައުންސިލް މެންބަރު ޑރ. އިބްރާހީމް ޙަސަންއެވެ. މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރު ބައިވެރިވެވަޑައިގެންނެވިއެވެ.