ވެރިކަމުގަ އޮތް ނަމަވެސް އަދި ނެތް ނަމަވެސް ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ދައުލަތުގެ ފައިސާ އިން ބޭނުންކުރެވޭނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަކަށް ދޭ ފައިސާ އެކަނި ކަމަށާއި އެ ނޫން ދައުލަތުގެ ފައިސާ އާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރާނަމަ އެކަން އެކުރެވެނީ ޤާނޫނާއި ޚިލާފަށް ކަމަށް ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު ވިދާޅުވެއްޖެއެވެ.
"މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެންޕޭނު ޕީޕީއެމުން ކުރިއަށް ގެންދާނީ ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން" ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރޭ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން މޫސާ ނިޒާރު މިރޭ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ އިސް މީހަކު ނަމަވެސް ސަރުކާރުގެ ވެރިއަކު ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި ވާހަކަ ދައްކަންޖެހޭނީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައި ކަމަށެވެ. އަދި އަމަލުކުރަންޖެހޭނީ ވެސް ވަރަށް އިންސާފުވެރިކަމާއިއެކުގައި ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ އަދުރޭ ދެއްކި ވާހަކަތައް ކަމާއިބެހޭ ފަރާތްތަކުން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. އަދި އެއީ އޮޅުމަކުން ދެއްކިފައިވާ ވާހަކައެއް ނަމަ ރައްޔިތުންގެ ކުރިމަތީގައި މާފަށްވެސް އެދެންޖެހޭނެ ކަމެއް ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ ޤައުމުގެ ކަންކަން ގޯހުން ގޯހަށް ގޮސް ރައްޔިތުންނަށް ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖައްސުވަން ހެޔޮ ނުވާނެ ކަމަށާއި އެހާލަތަށް ދިއަނުދީ ސަލާމަތްކުރުމަކީ ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއެއް ކަމަށެވެ. "ދައުލަތް ހަލާކު ކޮށްލަން ހެޔޮ ނުވާނެ. ފަނޑިޔާރުންނާއި އެމްއެންޑީއެފުން އެކަމަށް ވިސްނަން އެބަޖެހޭ. ދައުލަތުގެ މަސްއޫލިއްޔަތު އުފުލަން ތިބި ފަރާތްތަކުން މިކަމަށް ވިސްނައި ފިޔަވަޅު އަޅަންޖެހޭނެ."
މޫސާ ނިޒާރު ވިދާޅުވީ ފިރުއައުނާއި ހިޓްލަރު ފަދަ އަނިޔާވެރި ވެރިއަކު އެންމެ ދުވަހަކުވެސް ވެރިކަމުގައި ހުންނަން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެކަމަށެވެ. އެފަދަ ވެރިއަކީ އެމީހާ ބޭނުންވާ ގޮތަށް ކަންކަން ކާމިޔާބުކުރުމަށްޓަކައި ކިތަންމެ ގިނަ ބައެއްގެ ފުރާނަ ދުއްވާލަންވެސް ފަސްޖެހޭނެ މީހެއް ނޫން ކަމަށެވެ.
މޫސާ ނިޒާރު ވިދާޅުވީ ވެރިކަމުގައި ހުންނަ މީހާއަކީ ޤާނޫނު އަސާސީއަށް ބޯ ނުލަނބާ މީހަކަށްވާނަމަ ވެރިންގެ ނުބައި ނުލަފާކަން ހައްދުފަހަނައަޅައި ދާ ކަމަށާއި އެއީ ދުނިޔޭގެ ތާރީޚުން ފެނިފައިވާ ކަމެއް ކަމަށެވެ.