މިއަހަރުގެ ރިޔާސީ އިންތިޚާބާއި ގުޅިގެން ގިނަ އަދި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރިކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އިބޫ މިއަދު ވަނީ މިހާރު ވެސް ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނިކަމަށް ވަނީ އިތުރު ވޯޓުފޮށިތަކެއް ނުބަހައްޓާނެ ކަމަށެވެ. މިމޭރުމުން ބުނެފައިވީނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ގެންދާ ގޮތުން ކޮންމެ ވަގުތަކުވެސް ކަންކަމަށް ބަދަލު ނުގެންނާނެ ކަމުގެ ޔަޤީންކަން ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނާއިމެދު ކަންބޮޑުވުން އިތުރުވާ އެންމެ ބޮޑު އެއްސަބަބަކީ އިންތިޚާބާއިބެހޭ ގޮތުން ކަންކަން ނިންމާއިރު އިންތިޚާބާއި ގުޅިގެން ލަފާދޭން އެކުލަވައިލި ޤައުމީ ކޮމިޝަނާއި މަޝްވަރާ ނުކޮށް ކަންކަން ނިންމަމުން ގެންދިއުން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފް ވިދާޅުވީ ލަފާދޭ ޤައުމީ ކޮމިޝަނާއި މަޝްވަރާކުރުމަކީ ލާޒިމް ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ފަދަ ކޮމިޝަނެއް އުފައްދާފައި އޮތް ނަަމަވެސް އެކޮމިޝަނުގެ ބޭނުން ހިފާނީ ކިހައި ވަރަކަށް ކަމާއިމެދު މިވަނީ ސުވާލު އުފެދިފައެވެ.