މިއަހަރުގެ ސެޕްޓެމްބަރ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރީ-ރެޖިސްޓްރީވުމަށް މިހާތަނަށް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް 8000 މީހުންގެ ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ވޯޓުލާން ރީ-ރެޖިސްޓްރީ ކުރަން ޖެހެނީ އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްތަކަށް ވޯޓުލާން ބޭނުންވާ މީހުންނެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް ގެ ކެންޑިޑެންސީ ފޯމާއޮ ހަވާލުވެ ވަޑައިގަތުމަށްފަހު އީސީގެ ރައީސް މިއަދު ވިދާޅުވީ ރީ-ރެޖިސްޓްރޭޝަންގެ ކަންތައް މިދިޔަ އިންތިހާބަށްވުރެ މިހާތަނަށް ރަނގަޅު ކަމަށެވެ.
"ރީ-ރެޖިސްޓްރޭޝަން 2013 އަށް ވުރެ ފާސްޓް. އެއަހަރުގެ މިމުއްދަތާ ހަމައަށް ރެޖިސްޓްރީ ކުރެވިފައި އިތީ ގާތްގަނޑަކަށް 4000 މީހުން. ނަމަވެސް ރޭގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނަށް ގާތްގަނޑަކަށް 8000 ފޯމު ރީ-ރެޖިސްޓްރީ ކުރުމަށްޓަކައި ލިބިފައިވޭ" އީސީގެ ރައީސް ޝަރީފު ވިދާޅުވިއެވެ.