މިހިނގާ ޖުލައި މަހުގެ ސައްބީހުން ފެށިގެން 2030 ވަނަ އަހަރުގެ ޖުލައި ސައްބީހާ ހަމައަށް 18 އަހަރުފުރެމުންދާ ހަމަކޮންމެ ދިވެހި ޒުވާނަކަށް މަދުވެގެން 1000 އަކަފޫޓުގެ ބިމުގެ ތަނަވަސްކަން ނުވަތަ އެޕާޓްމަންޓެއް ލިބިދެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރިއަށްދިޔަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އުފަލާއެކު ވިދާޅުވީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވި، ކުރިޔަށްދާނޭ މަގުތަކެއް ފެނިވަޑައިގެންފައިވާކަމަށެވެ. އަދި ފީސިބިލިޓީ ދިރާސާތައް ނިމިފައިވާ ވިލިމާލެ 2 ގެ މަޝްރޫޢަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އެމަނިކުފާނުގެ ޓީމުން ހުށަހަޅާ ފުރިހަމަ ހައްލު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިފެށޭ މަޝްރޫޢުގެ ދަށުން ހުޅުމާލޭ 2 ގައި އާބާދުކުރައްވާ 100,000 އަށް ވުރެ ގިނަ މީހުންގެ އިތުރުން ވިލިމާލޭ 2 ގައި 315,000 މީހުންގެ އާބާދީއަށް އެންމެ މިޒަމާނުގެ ވަޞީލަތްތަކާއެކު 2 ވަނަ ޝަހަރެއް ތަރައްޤީކުރައްވައި މާލެއާ ގުޅާލެވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.