މަސްތުގެ ހާލުގަ ބިދޭސީއަކު މިސްކިތަށް އަރާ އަޑުގަދަކޮށްފިއެވެ.
އޭނާ ހުރީ މަސްތުވެފައިކަން އެނގުނީ ބޮޑުގޭ ވަގުތީ މިސްކިތުގައި ކުރި މިއަދުގެ ޢަޞްރު ނަމާދު ޖަމާއަތުގައިކޮށް ނިމުނުތަނާ މީހަކު މިސްކިތަށް އަރާ އިށީނދެ އިނދެ އަޑުގަދަކުރަން ފެށުމުން ކައިރިވި މީހުންނަށް އޭނާގެ އަނގައިން ބަނގުރާ ވަސް ދުވުމުންނެވެ.
މިސްކިތުގައި އިނދެ އަޑުގަދަކޮށް ﷲ އަކްބަރު ވެސް ކިއެވެ. އަދި އިންޑިއާ ބަހުންވެސް އެއްޗެތިތަކެއް ކިއެވެ. މިސްކިތުން ނުކުންނަން ބުނުމުން ބުނީ އޭނާ ބޭނުންވަނީ މުސްލިމަކަށްވާން ކަމަށާއި 2 ދުވަސްތެރޭ އިސްލާމްވާނެ ކަމަށެވެ. އަދި އޭނާ ދަނީ އިސްލާމް ވުމަށް މަސައްކަތްކުރަމުން ކަމަށެވެ.
ފުލުހުންނަށް ގުޅުމުން އައިސް ވަނީ އޭނާ ގެންގޮސްފައެވެ. މިއީ ރާއްޖޭގައި ޢާންމުކޮށް ހިނގާ ކަމެއް ނޫނެވެ. އެ ސަރަހައްދަށް އެއްވި މީހުން ބުނަމުން ގެންދިއައީ މިކަމުން ވެސް އެނގެނީ ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރުން ރާއްޖޭގައި މިހާރު ޢާންމުވެފައިވާ މިންވަރު ކަމަށެވެ.