ބުދުތައް އެތެރެކޮށްދެނީ ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަގުފަހިކުރަން ކަމަށާއި ރާއްޖޭގެ ރިޒޯޓެއް ކަމަށްވާ ސިއްރުފެންފުށީގައި ބަހެއްޓި ބޮޑެތި 30 ބުދު ނަގަން ސަރުކާރުން އެ ރިޒޯޓަށް އެންގީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާތީ ހަމައެކަނި ރައްޔިތުންގެ ވޯޓު ހޯދަން ނޫންނަމަ އެ ބުދުތައް ރާއްޖެއަށް އެތެރެކޮށްދިން ބައަކު ހޯދައި އެ ބައަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.
އެވިލާ ވިދާޅުވީ މިއީ ހައަކަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ހިންގި މިފަދަ 2 ވަނަ ޖަރީމާ ކަމަށެވެ. 2 ފަހަރުވެސް ބަހައްޓާފައިވަނީ ރާއްޖޭގައި ބުދު ހަދައިގެން ނޫން ކަމަށާއި ރާއްޖެއަށް އެތަކެތި އެތެރެކޮށްގެން ކަމަށެވެ. "ކޮންމެ ގޮތަކަށް ބެލި ނަމަވެސް މިއީ ރާއްޖޭގައި އުފައްދާ ތަކެއްޗެއް ނޫން. ބޭރުން އެތެރެކުރާ ތަކެތި. ބަލައި ފާސްކުރާ ކަސްޓަމްސް އޮފިސަރުންނާ ސިފައިންނާ ފުލުހުންގެ ދައުރު ކޮބާ؟"
"އެހެންވީމާ މިފަދަ ބޮޑު މުންކަރާތެއް ރާއްޖޭގައި ޢާންމުކުރަން އެހީތެރިވެދީ އެ ބުދުތައް އެތެރެކޮށްދޭ ބައަކު ހޯދަން އެބަޖެހޭ. އެކަމުގައި ޝާމިލުވާ އެންމެންނާމެދު ޤާނޫނީ ފިޔަވަޅު އަޅަން އެބަޖެހޭ. މިއީ ރާއްޖޭގެ ޤާނޫނު އަސާސީ އާ ޚިލާފަށް ހިންގާފައިވާ ބޮޑު ޖިނާޢީ ކުށެއް. މިއީ ރާއްޖޭގަ އެހެން ދީންތަކަށް ފުރުޞަތު ދޭން ކުރާ މަސައްކަތްތަކުގެ އިތުރު ފެށުމެއް. ބުދުތައް އެތެރެކޮށްދެނީ ރާއްޖެއިން އިސްލާމް ދީން ނައްތާލަން މަގުފަހިކުރަން ކަމަށް އަޅުގަނޑު ދެކެނީ."
ބައެއް ދީނީ އިލްމުވެރިންވެސް ވިދާޅުވެފައިވަނީ މިބާވަތުގެ އަމަލުތަކުން ފެށޭ ކަންކަން ތަކުރާރުވަމުން ދާނަމަ އެއީ އެއްވެސް ކަމެއް ކަމަށް ނުދެކޭތަން ދާދި އަވަހަށް ފެންނާނެ ކަމަށެވެ. ރާއްޖޭގައި އެފަދަ ފުރުޞަތެއް ދީގެން ނުވާނެ ކަމަށާއި ބުދުތައް ފަދަ އެހެން ދީންތަކާއި ގުޅުން ހުންނަ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވަންޖެހޭ ކަމަށެވެ. "މިއީ އާދައިގެ ކަމެއް ކަމަށް ބަލައި އަޅާނުލައި ތިބެގެން ނުވާނެ. މިއީ އސިްލާމިކް މިނިސްޓްރީ އާ ފުލުހުން ގުޅިގެން ތަޙްޤީޤްކުރަންޖެހޭ ކަމެއް. މިކަމުގައި ބައިވެރިވި އެންމެންނާއިމެދު ފިޔަވަޅު އަޅަން ޖެހޭ ކަމެއް." ކަމަށްވެސް ދީނީ ބައެއް ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.