ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރު އެތެރޭގެ އުދުހުމުގެ އަގު، ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށްވުރެ ބޮޑުކަމަށާއި ކޯލިޝަނުގެ ވެރިކަމުގައި ދަތުރުތަކުގެ އަގު އަތްފޯރާ ފަށަށް ތިރިކުރައްވާނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ކޯލިޝަނުން ބ. ތުޅާދޫގައި މިރޭ ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވީ އެމްޑީޕީ 2008 ވަނަ އަހަރު ވެރިކަމަށް އައިއިރު މަސްވެރިން އަތުން މަސް ގަންނަ އަގަކީ ކިލޯއެއް 50/6 ކަމަށާއި ނަމަވެސް އެވެރިކަމުގައި ،35 38 ރުފިޔާއަށް އުފުލި ކަމަށެވެ. "ނަމަވެސް މިހާރު މިވަނީ އަގު ވެއްޓިފަ. އެ އަގު އަޅުގަނޑުމެން އުފުލާނަން. މިހާރަށްވުރެ ކަނދުފަތިތައްވެސް އިތުރުކުރާނަން. އަދި ރާއްޖޭގެ މަސްކަނޑުތައް ދިވެހިންނަށް މިނިވަން ކުރާނަން. ލޭނު އެޅުމާއި ދައު އެޅުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަކަށް ނުދޭނަން."
އިބޫ ވިދާޅުވީ ޓޫރިޒަމުން ރައްޔިތުންނަށް ލިބެންޖެހޭނެ މިންވަރަކީ ހަމައެކަނި ސިނާއަތުން ދައްކާ ޓެކްސް ނޫން ކަމަށް ބަލައި ގެސްޓް ހައުސް ވިޔަފާރި ޢާންމުކޮށް ހުޅުވައިލީ އެމްޑީޕީން ކަމަށާއި ކޯލިޝަނުގެ ވެރިކަމުގައި އިތުރަށް ފުޅައުކުރައްވާނެ ކަމަށެވެ.
ރާއްޖޭގެ މައި ސިނާއަތަކީ ފަތުރުވެރިކަން ނަމަވެސް ފަތުރުވެރިކަން އިޝްތިހާރުކުރަން އެކަށީގެންވާ މިންވަރަށް މިހާރުގެ ސަރުކާރުން މަސައްކަތް ނުކުރާކަން އިބޫ ވަނީ ފާހަގަކުރައްވައިފައެވެ. "މިއަހަރުވެސް ފަތުރުވެރިކަން ޕްރަމޯޓްކުރަން ފާސްކޮށްފައިވަނީ 3 މިލިއަންގެ ބަޖެޓެއް. ކޯލިޝަނުގެ ސަރުކާރެއްގަ އެ އަދަދު 3 ގުނައަށް ބޮޑުކުރާނަން." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ވާހަކަފުޅު (އޯޑިއޯ):