ރާއްޖޭގެ ޖަލުތަކުގައި ނުޙައްޤުން ގިނަ ބައަކަށް އަނިޔާ ލިބެމުންދާތީ ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހިފައި ހައްޔަރުކޮށް ޖަލުގައި ބަހައްޓަމުންގެންދާތާ 150 ދުވަސްވުމާއި ގުޅިގެން ކަންބޮޑުވުން ފައުޅުކުރައްވައި ކުރެއްވި ޓްވީޓެއގައެވެ.
ޤާސިމް އިބްރާހީމް ވިދާޅުވެފައިވަނީ އެމްޕީ ރިޔާޟަށްވެސް އިންސާފު ނުލިބި އަނިޔާވެރިކަމުގައި ޖަލުގައި އޮންނަވާތާ 150 ދުވަސްވީ ކަމަށާއި ކުށަކީ ޙައްޤު މަގު ޚިޔާރުކުރެއްވުން ކަމަށެވެ. އަދި ގިނަ ބައަކަށް ޖަލުގައި ނުޙައްޤުން އަނިޔާ ލިބެމުންދާ ކަމަށެވެ.
ޤާސިމް އިބްރާހީމް ކުރެއްވި ޓްވީޓުގައި އެމަނިކުފާނަށާއި ޢާއިލާއަށް ސަރުކާރުން ދެމުން ގެންދާ އަނިޔާތައް ފާހަގަކުރައްވަވާފައެއް ނުވެއެވެ. ރައްޔިތުންގެ ގިނަ ބައަކު ބުނަމުންދަނީ ރާއްޖޭގައި މިހައިތަނަށް ކޮށްފައިވާ ޝަރީއަތްތަކަށް ބަލާއިރު އެންމެ އަނިޔާވެރި ގޮތުގައިި ކުރި އެއް ޝަރީއަތަކީ ޤާސިމް އިބްރާހީމްގެ މައްޗަށް ކުރި ޝަރީއަތް ކަމަށެވެ. އެގޮތަށް ބުނާ ސަބަބަކީ ޤާސިމް އިބްރާހީމްގެ މައްޗަށް ކުރި ތުހުމަތަށްވުރެ މާފައުޅުކަންބޮޑު ގޮތެއްގައި ރައީސް ޔާމީން ކުރައްވަވާފައިވާ ކަންކަން އެއްވެސް ކަމަކަށް ނުހަދައި ދޫކޮށްލުމަށްފަހު ޤާސިމް އިބްރާހީމްގެ މައްޗަށް ވަރަށް އަނިޔާވެރި ގޮތުގައި ޝަރީއަތް ހިންގާފައިވާކަމަށް ޤަބޫލުކުރެވޭތީ ކަމަށް ގިނަބައަކު ދަނީ ބުނަމުންނެވެ.
ރާއްޖޭގެ މުޅި ތާރީޚަށް ބަލާއިރުވެސް ސިޔާސީ ލީޑަރެއްގެ މައްޗަށް ބަލި އެނދުގައި ހޮސްޕިޓަލުގައި އޮންނަވަނިކޮށް ކޯޓަކުން ޙުކުމްކުރިކަން އެނގޭކަށް ނެތެވެ.
އަލްއަމީރު މުޙައްމަދު އަމީން ދީދީ ހަވަރަށްދީ ހަށިކޮޅުގައި ތަޅާ އަނިޔާކުރުމަށްފަހު ސަރުކާރުން ނިންމި ނިންމުންވެސް ނިންމީ ފަތްޖެހި އެނދަކަށްލައިގެން ގެންގޮސް ޙާޟީރުގައެވެ.
ޤާސިމް އިބްރާހީމްގެ މައްޗަށް ޙުކުމް އިއްވި ކަމަށް ބުނެ ކޯޓުން ބަޔާނެއް ނެރުނީ އެދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެއްޓިވަޑައިގަތުމުން ގެންގޮސް ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ. ގިނަ ބައަކު ޤަބޫލުކުރަނީ އެކަންކަން ހިނގައިދިއައީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.
ޤާސިމް އިބްރާހީމްގެ ޓްވީޓް:
"އެމްޕީ ރިޔާޟަށްވެސް އިންސާފު ނުލިބި އަނިޔާވެރިކަމުގަ ޖަލުގަ 150 ދުވަސްވީ. ކުށަކީ ޙައްޤު މަގު ޚިޔާރުކުރުން. 16 މެންބަރަކާ ރައީސް ނަޝީދާ ރައީސް މައުމޫނާ ނައިބްރައީސް އާ 2 ފަނޑިޔާރުންނާ ސީޕީ އަކާ ޕީޖީއަކާ މަޖިލިސް މެންބަރުންނާ އެމްއެންޑީއެފްގެ އެތައް ބައަކާ ޢާއިލާތަކަށްވެސް ދަނީ އަނިޔާ ލިބެމުން. ﷲ ސުބްހާނަހޫ ވަތަޢާލާ މިއެންމެން ސަލާމަތްކުރައްވަވާށި!"
MP. Riyaz ah ves insaafu nulibi Aniyaa verikamun jailgai 150 dhuvas vee! kushakee Hahquge magu khiyaaru kurun . 16 MP akaa R N aa R M aa NR A aa 2 fandiyaa run naa CP akaa PG akaa MPS aa MNDF ge ethah bayakaa aailaa ahves dhanee aniyaa libemun ASW mi enmen salaamaiy kurahvaashi pic.twitter.com/c9ozleZNLQ
— Qasim Ibrahim (@qasimibrahim) July 28, 2018