ތިމާގެ ގައިގައި އަތްލައި އަނިޔާކުރަންދެން މަޑު ނުކުރަން އަމީން އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ތިމާގެ ގައިގައި އަތްލައި އަނިޔާކުރަންދެން މަޑު ނުކުރަން އަމީން އިބްރާހީމް ގޮވާލައްވައިފި


މިސަރުކާރަކީ ވަކިމީހަކަށް ބެލުމެއްނެތި އެންމެންނަށް އަނިޔާ ކުރަމުން ގެންދާ ސަރުކާރެއް ކަމަށާއި އެއްވެސް މީޙަކު ތިމާގެ ގައިގައި އަތްލަންދެން މަޑުނުކޮށް މިސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި އެމީހަކަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް މިސަރުކޢރުގެ ފުރަތަމަ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމުހޫރީޕާޓީގެ ނައިބު ރައީސް އަމީން އިބުރާހިމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނުގެ އުފަންރަށް ބ ތުޅާދޫގައި ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާއަށް ފޮނުއްވި އޯޑިއޯ މެސެޖުގައި އަމީން ވިދާޅުވީ އަނިޔާގެ ވަކިތަކަކުން ޒަޚަމްކޮށް، ތިމާގެ ދުވަސް ދުއްވާލަންދެން އެއްގޮތަކަށްވެސް މަޑުން ނުތިބުމަށެވެ. އަދި ހައްލަކީ ވޯޓުން މިސަރުކާރު ބަލިކުރުން ކަމަށާއި މިސަރުކާރު ވޯޓުން ބަލިކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ގޮވާލައްވާ ކަމަށެވެ.


އަމީން ވިދާޅުވީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދީފިނަމަ ޖަލުގައި ތިބޭނީ ސިޔާސީ ލީޑަރުންނާއި އެބޭފުޅުންގެ އާއިލާގެ މެމްބަރުން އެކަނި ނޫން ކަމަށާއި ރައީސް ޔާމީނުގެ ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފް ކަންކަމާއި ދެކޮޅު އެންމެންނަށް ވެސް ތިބެންޖެހޭނީ ޖަލުތަކުގައި ތާށިވެފައި ކަމަށެވެ.

އަމީން އިބުރާހިމް މިހެން ވިދާޅުވީ މިއަދު އެތައް ސިޔާސީ ލީޑަރުންނެއް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ތިބެން ޖެހިފައިވާކަމަށާއި ރައީސް ޔާމީނު ދެވަނަ ދައުރަކަށް އިންތިޚާބުވެއްޖެނަމަ ސިޔާސީ ޕާޓީތަކުގެ ގޮޕިތަކުގެ ރައީސުންނާއި އެބޭބޭފުޅުންގެ އާއިލާތަކުގެ މެމްބަރުންނަށްވެސް ތިއްބަވަންޖެހިވަޑައިގަންނަވާނީ ޖަލުތަކުގައި ކަމަށެވެ. އަދި ރައީސް ޔާމީނުގެ ސަރުކާރަށް ވާގިދީ އެހީތެރިވާ ކޮންމެ މީހަކަށްވެސް ޖައްސާނީ އެހާލު ކަމަށެވެ.

އަމީން އިބުރާހިމް ވިދާޅުވީ އެއީ ޤައުމުގެ ކުރިމަގަށްޓަކައި އަދި މުސްތަޤުބަލުގެ ދަރީންނަށްޓަކައި އަދާކޮށްދޭންޖެހޭ ޤައުމީ ވާޖިބެއް ކަމަށާއި އެހެންކަމުން އެވާޖިބު އަދާކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ރައްޔިތުން ނުކުމެ ވަޑައިގެންނެވުމަށް ގޮވާލައްވާކަމަށެވެ.

"ރައީސް ޔާމީނާއި ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ކޮންމެމީހަކާއި އެމީހެއްގެ އާއިލާއަށް އަނިޔާތައް ދެމުން ދާއިރުގައި ވަކިވަކި ރަށްރަަށާއި ރައްޔިތުންނަށްވެސް އެ އަދަބު ދެމުން ގެންދާކަން އެއީ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް. މިގޮތުން ރަށްރަށް އިޤުތިޞާދީ ގޮތުން އެކަހެރިކޮށް އެރަށްރަށުގެ އިޤުތިޞާދީ ތަރައްޤީ އާއި އިޖުތިމާއީ ތަރައްޤީތައް އެދަނީ ހުއްޓުވަމުން. އެފަަދަ އަދަބު ލިބިފައިވާ ރަށްރަށް ބ އަތޮޅުގައި އެބަހުރި. އޭގެ ތެރޭގައި ބ ކުޑަރުކިއްޔާ ކަމަދޫ އާއި ކެންދޫ ފަދަ އެތައް ރަށެއް ހިމެނޭ. ތުޅާދޫއަކީ އިސްލާހަށް މަސައްކަތްކުރާ ރައްޔިތަކު ތިބިރަށަކަށް ވުމާއި އެކު އެކަން ވެސް ސަރުކާރަށް ހަޖަމެއް ނުވި." ކަމަށްވެސް އަމީން ވިދާޅުވިއެވެ.
މިއަދު އޮންލައިން