މީހުން ދިރިއުޅޭ ރަށްތަކާ ކައިރީގަ ހުރި ފަޅުރަށްތަކުން ލިބޭ އާމްދަނީ ކައުންސިލްތަކަށް ލިބޭނެ ގޮތް ހަދާނަން: އިބޫ
ކޯލިޝަނުގެ ސަރުކާރުގައި މީހުން ދިރިއުޅޭ ރަށްތަކާއި ކައިރީގަ ހުރި ފަޅުރަށްތަކުން ލިބޭ އާމްދަނީ ރަށު ކައުންސިލްތަކަށް ލިބޭނެ ގޮތް ހއްދަވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މާޅޮޙުގައި ޖަގަހައެއް ހުޅުއްވައިދެއްވުމަށްފަހު ވިދާޅުވީ އެރަށަކީ ރަށު ކައުންސިލުން އިސްނަގައިގެން ވަރަށް ގިނަ ކަންކަން އަމިއްލައަށް ކުރަމުން އަންނަ ރަށެއް ކަމަށެވެ.
އެރަށުގައި ސާފު ބޯފެން ލިބޭނެ ގޮތެއް ސަރުކާރުން ހަމަޖައްސައިދީފައި ނެތުމުން އަމިއްލައަށް ފުރާޅެއް ހަދައި ފެންނަގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާކަމާއި އަމިއްލަ ޚަރަދުގައި ބެޑްމިންޓަން ކޯޓު އެޅުން ފަދަ ކަންކަން ރަށު ކައުންސިލުން އަމިއްލައަށް ކުރަމުން ގެންދާކަން އިބޫ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން އަންނަ އަހަރު ސާފު ބޯފެން ބަންދުކުރުމުގެ މަސައްކަތް ފަށަން ކައުންސިލުން ކުރަމުން ގެންދާކަންވެސް ފާހަގަކުރެއްވިއެވެ.
"ރަށަކީ ކުނީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާ ރަށެއް. ކައުންސިލުން އިސްނަގައިގެން ކުނި ނައްތާލުމުގެ ނިޒާމު މިވަނީ ވަރަށް ފުރިހަމައަށް ޤާއިމުކޮށްފަ. އެކައިލަންޖެހޭ ކުނިން ކާދު އުފައްދައި ރިސޯޓުތަކަށް ވިއްކާ. ޕްލާސްޓިކް ފަދަ ތަކެތީގެ ބޭނުންވެސް ދަނީ ހެޔޮ ގޮތުގަ ހިފަމުން."
ރަށަށް ލަފާ ފޭބޭނެ ބަނދަރު ހަލާކުވެފައި އޮތްކަމާއި ނަރުދަމާ ނިޒާމު އެރަށުގައި ސަރުކާރުން ޤާއިމުކޮށްދީފައި ނުވާކަންވެސް އިބޫ ވަނީ ފާހަގަކުރައްވައިފައެވެ.
"މިރަށުގެ 3 ކައުންސިލަރުންނަކީވެސް އެމްޑީPީގެ 3 ކައުންސިލަރުން. އާބާދީގެ 65% އެންމެ ފަހުންވެސް ވޯޓުދިނީ އެމްޑީPީއަށް. ރިޔާސީ އިންތިޚާބުގައި 70% އަށްވުރެ މަތިން ލިބޭނެ ކަމަށް ކައުންސިލަރުން ބުނޭ." އިބޫ ވިދާޅުވިއެވެ.