ކޯލިޝަނުގެ ސަރުކާރުގައި މީރާއަކީ ގާނޫނަކުން ފާސްކޮށްގެން ޓެކްސް ނަގާނެ އޮފީހެއްގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ބ. އަތޮޅަށް ވަޑައިގެން ރައްޔިތުންނާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ މީރާއަކީ މިހާރު ފަދައިން ހަރުދަނާ އުސޫލެއް ނެތި ޓެކްސް ނަގާ އޮފީހެއްގެ ގޮތުގައި ހުރި ހުރުން ބަދަލުކުރައްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ޓެކްސް ކަލެކްޓް ކުރާ އޮފީހުން (މީރާއިން) ޓެކްސްގެ ނިޒާމް އެއިގެ ނުހައްގު ގޮތުގައި ބޭނުންކޮށް މަޖުބޫރުން އެތައް ޖޫރިމަނާއެއް ކުރާތީ ކުދި ވިޔަފާރިތައް ދަށްވެ ބަނގުރޫޓުވެގެންދާތަން ދަނީ ފެންނަމުން ކަމަށާއި ފެންނަމުން މިދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ރޫޅި ބަނގުރޫޓުވެގެންދާ މަންޒަރު ކަމަށެވެ.
އިބޫ ވިދާޅުވީ ﷲ ވާގިފުޅާއިއެކު ކޯލިޝަނުގެ ވެރިކަމެއްގައި ޓެކްސްގެ ނިޒާމަށް ގެންނަ ބަދަލުން މީރާއަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނެއްގެ ގޮތުގައި އޮންނަ އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން މީރާއަށް ބޭނުންހާ ގަވާއިދުތަކެއް ހަދައިގެން ވިޔަފާރިވެރިންނަށް މަޖުބޫރުކޮށްގެން ޖޫރިމަނާތަކެއް ނުކުރެވޭނެ ކަމަށާއި ރައްޔިތުންގެ އަތުން ނަގަންޖެހޭ ފައިސާއެއް ނަމަ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސް ކުރާ ގާނޫނަކުން ކަމަށެވެ. ގާނޫނު އަސާސީ ދަންނަ އުސޫލަކީ އެއީ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. "މީރާއިން މިހާރު ގެންގުޅޭ އުސޫލުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެދަނީ ބަނގުރޫޓުވެގެން."
މީގެ އިތުރުން ސަރުކާރުގެ ވިޔަފާރީގެ ސިޔާސަތަށް ބަދަލު ގެނެސް އެސްޓީއޯ އިން މިހާރުކުރާ ބައެއް ވިޔަފާރިތައް ޢާންމު ފަރާތްތަކަށް ހުޅުއްވައި ލައްވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ.