ރައީސް މައުމޫނާ މޫސާ ޒަމީރާ ޢަބްދުއްރަޙީމް ޢަބްދުﷲ ސޮއިކޮށް ޖޭޕީއާއެކު ހެދި ކޯލިޝަން އެއްބަސްވުން ޞައްޙައެއް ނޫން؟: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ރައީސް މައުމޫނާ މޫސާ ޒަމީރާ ޢަބްދުއްރަޙީމް ޢަބްދުﷲ ސޮއިކޮށް ޖޭޕީއާއެކު ހެދި ކޯލިޝަން އެއްބަސްވުން ޞައްޙައެއް ނޫން؟: ރައީސް ޔާމީން
މިސަރުކާރު ވެރިކަމަށް ގެނައުމަށްޓަކައި ޕީޕީއެމްގެ ރައީސް، ރައީސް މައުމޫނާއި ޕީޕީއެމްގެ ނައިބް ރައީސް މުސާ ޒަމީރާ، ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ސޮއިކުރައްވައި ޖޭޕީއާއިއެކު ހަދައި އަމަލުކުރަމުން އައި ކޯލިޝަން އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ނޫންކަން ރައީސް ޢަބްދުﷲ ޔާމީން ހާމަކުރައްވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީން އާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ މިސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރަކަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހަމަޖެއްސެވީ އަދާލަތު ޕާޓީއަށް ދެއްވި ސްލޮޓެއްގައި ނޫން ކަމަށެވެ.



ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި އެމަނިކުފާނުގެ ސަރުކާރު ވެރިކަމަށް ގެނައުމަށް އަދާލަތު ޕާޓީން ވަރަށް ބުރަކޮށް މަސައްކަތްކޮށްދިން ކަމަށާއި ނަމަވެސް އަދާލަތު ޕާޓީ އާއިއެކު އެއްވެސް ކޯލިޝަން އެއްބަސްވުމެއް ނުއޮންނާނެ ކަމަށެވެ. ޞައްޙަ އެއްބަސްވުމެއް އޮންނާނީ ހަމައެކަނި އެމްޑީއޭ އާއިއެކުގައި ކަމަށެވެ.

އެހެންކަމަށްވާނަމަ ޖޭޕީ އާއިއެކު ސޮއިކުރި އެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއް ކަމަށް ރައީސް ޔާމީނު ޤަބޫލުފުޅު ނުކުރައްވަވާކަން މިވަނީ ހާމަވެފައެވެ. އެ އެއްބަސްވުމުގައި ރައީސް ޔާމީން ސޮއި ނުކުރައްވާ އޮތް ނަމަވެސް ސޮއިކުރެއްވީ ޕީޕީއެމްގެ އެއިރުގެ ރައީސް، ރައީސް މައުމޫން ނަމަވެސް މިހާރުވެސް ތިއްބެވި 2 ނައިބް ރައީސުން ވަނީ އެއްބަސްވުމުގައިި ސޮއިކުރައްވާފައެވެ.



ޕީޕީއެމްގެ ހިންގާ ޤަވާއިދު އެއިރު އޮތް ގޮތުން ރައީސް ޔާމީން ހުންނެވީ އެފަދަ އެއްބަސްވުމެއްގައި ސޮއިކުރައްވަން ޖެހިވަޑައިގަންނަވާ މަޤާމެއްގައިބާވައެވެ؟ ޕީޕީއެމްގެ ކަންކަން ނިންމަވަމުން ގެންދެވީ ރައީސް މައުމޫން ނޫން ބާވައެވެ!

މިރޭ އެމޭރުމުން ވިދާޅުވި ނަމަވެސް އެއެއްބަސްވުން ޤަބޫލުފުޅު ކުރައްވާކަމަށްވާކަމަށް ބަޔާން ކުރައްވައި ރައީސް ޔާމީނު ވަނީ ވަރަށް ގިނަ ވާހަކަފުޅު ދައްކަވައިފައެވެ. މީގެ ކުރީގެ ސަރުކާރުތަކުން ކުރިމަތިވެވަޑައިގެންނެވިފަދަ ހިތްދަތިކަމެއް އެމަނިކުފާނުގެ ސަރުކާރުގައި ޤާސިމް އިބްރާހީމްއަށް ކުރިމަތިވެވަޑައި ނުގަންނަވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

އެ އެއްބަސްވުމުގެ ދަށުން ކަމަށްބުނެ 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޖޭޕީއަށް 28 ގޮޑިވެސް ކަނޑައެޅިއެވެ. މިސަރުކާރުގެ ވަޒީފާތަކެއްވެސް ހަމަ ޖެއްސިއެވެ. ޖޭޕީން ހުށަހެޅިި ބައެއް ބޭފުޅުންނަށް ވަޒީރުކަންވެސް ދެއްވިއެވެ.

މިދައުރަށް މަޖިލީހުގެ ރައިސަކު ހޮވުމަށް ބޭއްވި ޖަލްސާގައި ރައީސަކަށް ޤާސިމް އިބްރާހީމްގެ ނަންފުޅު ހުށަހެޅުމުން ކޯލިޝަން އެއްބަސްވުން ނިމުނީކަމަށް ބުނެ ޖަލްސާގައި އަޑުއުފުލިއެވެ. މިއަޑުތައް ވާނީ ރައްޔިތުން އަޑުއަހައިފައެވެ.

ކޯލިޝަނުގެ އެއްބަސްވުމުގެދަށުން ކަމަށްބުނެ 2013 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ޤާސިމް އިބްރާހީމް ލައްވައި ވަނީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުވައިފައެވެ. އަދި 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމްގެ ބައެއް މެންބަރުން ހޮވުމަށްވެސް ވަނީ އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުވައިފައެވެ.

އެހެންކަމުން މިރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވަނީ ވަރަށް ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. އެއްބަސްވުމެއް ޞައްޙަވަނީ ކިހިނެއްވުމުން ކަމާއިމެދުގައެވެ.

ރައީސް ޔާމީނުގެ އެއިރުގެ ވާހަކަފުޅު:
ގާސިމަށް މީގެކުރިން ދިމާވެފައިހުރި ހިތްދަތިކަން ވިޔަނުދޭނަން - ޔާމީން
މިއަދު އޮންލައިން