ހައްޤު ނޫން ތަޢްރީފް ނުކުރުމަށް ރައީސް ޢަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ރިޔާސީ ޓިކެޓް އެމަނިކުފާނާއި ހަވާލުކުރުމަށް ޕީޕީއެމުން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައެވެ.
ރައީސް ޔާމީން ވިދާޅުވީ އެއްވެސް ގޮތަކުން އެމަނިކުފާނަކީ ބޮޑުދަތުރުފާނާއި ދޮންބަންޑާރައިންނާއި އިސްކަންދަރު ރަސްގެފާނު ފަދަ ޤައުމީ ބަޠޮލެއް ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށާއި އެ ފަދަ ޤައުމީ ބަޠޮލުންނާއި އެމަނިކުފާނާއި އެއްފަދަ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޤައުމުގައި ހުރި މައްސަލަތައް ޙައްލުކުރައްވަން ވަރަށް ހިއްވަރާއިއެކު މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށެވެ. އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާ ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރައްވައި އިޖުތިމާޢީ އަދާލަތު ޤާއިމުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖޭގެ މިހާރުގެ ޙާލަތަކީ 23 ޑިސެމްބަރު 2011 ގައި ދީނީ ޢިލްމުވެރިން ނުކުމެވަޑައިގެން ލޮނުޒިޔާރަތްކޮޅަށް އެއްވި ހާލަތު ކަމަށާއި މިހާލަތުން ޤައުމު ސަލާމަތް ކުރުމަށް ދީނީ އިލްމުވެރިން ނުކުމެވަޑައިގަތުމަށްވެސް ރައީސް ޔާމީން އެދިވަޑައިގެންނެވިއެވެ.