ޏ. ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެ ކުރަންއުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން، ޖުލައި 29ވަަނަ ދުވަހުގެރޭ 20:25ހާއިރު ފުވައްމުލައް ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ފިރިހެނަކާއި 41 އަހަރުގެ ފިރިހެނެކެވެ.
މިދެމީހުންގެ ތެރެއިން 26 އަހަރުގެ ހައްޔަރުކޮށްފައިވަނީ މާލެއިން ފުރައިގެން ފުވައްމުލަކަށް އައި ބޯޓަކުން ފުވައްމުލަކަށް އައިތަނުންނެވެ. އަދި 41 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ބަނދަރު ސަރަޙައްދުންނެވެ.
މާލެއިން ފުރައިގެން ފުވައްމުލަކަށް އައި ބޯޓު ބަލައިފާސްކުރިއިރު އެބޯޓު ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފަވެއެވެ.
މިމައްސަލަ ފުވައްމުލައް ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.
ޙަބަރު ޕޮލިސް