ރާއްޖޭގެ ގިނަ ބައަކު އިސްލާމް ދީން ދޫކޮށްފި - ރާއްޖޭގެ ގިނަ ބައަކު ޝަރީކްކުރޭ: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
ރާއްޖޭގެ ގިނަ ބައަކު އިސްލާމް ދީން ދޫކޮށްފި - ރާއްޖޭގެ ގިނަ ބައަކު ޝަރީކްކުރޭ: ރައީސް ޔާމީން
ރާއްޖޭގެ ގިނަ ބައަކު ﷲ ތަޢާލާއަށް ޝަރީކްކުރާ ކަމަށްވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ކަންބޮޑުވުން ފައުޅު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީން އާއި ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ދިވެހި ރައްޔިތުންގެ ޝަޚްޞަށް ބަދަލުތަކެއް އަންނަމުންދާ ކަމަށާއި ގިނަ އަދަދެއްގެ ދިވެހިން މިހާރު ޝަރީކުކުރާ ކަމަށެވެ.

"ނަމާދުކުރާ މީހުން މަދެއް ނޫން ހުކުރަށްދާ މީހުން އެއަށްވުރެ ގިނަ. އިސްލާމީ އުޞޫލުތައް އަޑުއަހާ މީހުން މަދެއް ނޫން. ކޮންއެއްޗެއްހޭ މަދުވަނީ؟ ކޮން ބޭހެއްހޭ ނުދެވިގެން މިއުޅެނީ؟ ގޯސްތަކެއް އެބަވޭ ނޫންތޯ؟ ޝަރީކު ކުރާމީހުން މަދެއް ނޫން. އަދި ދީނުގަ އެންމެ ބޮޑަށް ޙަރާންކުރެވިފައިވާ ކަންކަމަށް އަރައިގަންނަ މީހުން މަދެއް ނޫން."

ރައީސް ޔާމީން ވަނީ އެހެންކަމާއިއެކުވެސް މިއެންމެންނަކީ ހަމަ ދިވެހި މަންމައަކާއި ބައްއަކަށް ލިބިފައިވާ ދަރިން ކަމަށްވެސް ވިދާޅުވެ މިކަންކަމަށް ފަރުވާ ނުދެވޭނަމަ ދިވެހިންނަކީ މުސްލިމް ޤައުމެއްގެ ގޮތުގައި ކިހައި ދުވަހެއްވަންދެން ދެމިއޮންނާނެ ކަމާއިމެދު ސުވާލު އުފައްދަވައިފައެވެ. މީގެ އިތުރުން މިހާރުވެސް ރާއްޖޭގެ ގިނަ ބައަކު އިސްލާމް ދީން ދޫކޮށްފައިވާކަން ބަޔާންކުރައްވައި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް މުދައު ބަހާނަމަ އެއްމެދު މުދާ ނުބެހޭނެ ގިނަ ބައަކު ތިބިކަންވެސް ރައީސް ޔާމީން ވަނީ ފާހަގަކުރައްވައިފައެވެ.

ރައީސް ޔާމީން ވިދާޅުވީ މިކަންކަން މިހެން ވެގެން މިދިއައީ މިހާރު ކިޔަވައިދެވޭ މުޤައްރަރުގެ ސަބަބުން ކަމަށާއި އެ މުޤައްރަރުން ނުފުދޭކަމަށެވެ. އެއަށްވުރެ ވަރުގަދަ މުޤައްރަރަކަށް ބޭނުން ބޮޑުވެފައިވާ ކަމަށެވެ. "މިހާރު ކިޔައިދޭ ސިލަބަހުގަވެސް، މައިން ބަފައިންގެ ތަރުބިއްޔަތުގަވެސް، ސްކޫލްތަކުގަވެސް ނުފުދިގެންދާ ކަންތައްތަކެއް ހުރީމަ މިހެންވެގެން މިދަނީ."

ކަންކަން މިގޮތަށް ބަދަލުވާން ދޫ ނުކުރައްވާނެ ކަމަށްވިދާޅުވެ އިސްލާމް ދީން ދޫކޮށްފިނަމަ ދިވެހި ރައްޔިތެއްކަން ގެއްލޭނެކަންވެސް ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ސައްތައިންސައްތަ ދިވެހިންނަށް ވުމަށް ކަމަށެވެ. "އެމީހުންގެ ފިކުރު ތަޣައްޔަރުވަމުންދާނަމަ ނުކުރާނެ ނުބައި ކަމެއް ނުއޮންނާނެ. އެހިސާބުން ކުށްކުރާމީހުން ގިނަވަނީ. ބޮޑެތި ޙައްޤުތަކަށް އަރައިގަންނަ މީހުން ގިނަވަނީ."

ރައީސް ޔާމީން ވިދާޅުވީ ﷲ ތަޢާލާއަށް ޝަރީކުކުރާމީހުންނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރައްސާރަކުރާ މީހުންނާއި ކާޓޫނު ކުރަހާ މީހުން އުފެދެނީވެސް އެހިސާބުން ކަމަށެވެ.

"އަޅުގަނޑުމެންނާއި" ގުޅިވަޑައިގަންނަވަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ދައުވަތު އެރުވީ މި ސަބަބުތަކަށްޓަކައި މި މައްސަލަތަކަށް ޙައްލެއް ހޯއްދެވުމަށް ކަމަށްވިދާޅުވެ އެމަނިކުފާނުގެ ދައުވަތު ޑރ. ޝަހީމް ޤަބޫލުފުޅު ކުރެއްވެވި ކަމަށްޓަކައި ރައީސް ޔާމީން ވަނީ ޑރ. ޝަހީމަށް ޝުކުރު އަދާކުރައްވައިފައެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފުރަތަމަ ކަމެއްގެ ގޮތުން ޤައުމީ މަންހަޖަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެ ބަދަލުތަކަކީ ވަރަށް ކާމިޔާބު ބަދަލުތަކެއް ކަމަށް ތައުލީމީ ވަޒީރު ގެންދަވަނީ ތަކުރާރުކުރައްވައި ވިދާޅުވަމުންނެވެ.

- ރައީސް ޔާމީންގެ ވާހަކަފުޅު (އަޑު):
މިއަދު އޮންލައިން