ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި ޕީޕީއެމުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ މައްސަލަ ފުލުހުންގެ އިދާރާގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީ އާއި، އިލެކްޝަންސް ކޮމިޝަން އަށް އެމްޑީޕީން ހުށަހަޅައިފިއެވެ.
ސޯލްޓް ކެފޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ތަރުޖަމާނު މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވީ، ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުރަހީމް އަބުދުﷲ ޕީޕީއެމްގެ ''އަތޮޅުޖަގަހަ'' ހުޅުއްވަމުން ދެއްކެވި ވާހަކަތަކުގައި ދައުލަތުގެ މުދަލާއި، ވަސީލަތްތަކާއި، މުވައްޒަފުން ބޭނުން ކުރައްވައިގެން ރައީސް އަބުދުﷲ ޔާމީނަށް ކެމްޕެއިން ކުރައްވާކަމަށް ވިދާޅުވެފައިވާތީ އެމައްސަަލަ މިހާރު އެމްޑީޕީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
މާރިޔާ ވިދާޅުވީ، އަބުދުއްރަހީމް ދެއްކެވި ވާހަކަތަކުގެ ހެއްކާއި ގަރީނާގެ ގޮތުގައި، ރައީސް އަބުދުﷲ ޔާމީންއާއި މެޑަަމް ފާތުމަތު އިބްރާޙިމް ޕީޕީއެމްގެ ކެމްޕެއިން އޮފީހެއްގައި ދެއްކެވި ވާހަކަތައް އެކުލެވޭ ލީކުވެފައިވާ ވީޑިއޯ ފުދޭނެ ކަމަށެވެ.
މަޖީދީ މަގުގައި ކުރިން ސޯސަން ސްޓޯރު ހިންގި އިމާރާތު ގައި ހަދާފައިވާ ޕީޕީއެމްގެ އަތޮޅު ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތު ގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ "އިދިކޮޅު ފަރާތްތަކަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން ނުކުންނާނީ މުޅި ސަރުކާރު އެކީގައޭ. ހަމަ ވަސީލަތްތައް ބޭނުންކޮށްގެނޭ އިންތިޚާބު ކާމިޔާބު ކުރާނީ." ކަމަށެވެ.