ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިފިނަމަ ބިރުވެރިކަމާ ނާމާންކަން ނޫން އެއްވެސް ކަމެއް ފެންނަން ނެތް ކަމަށާއި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ބަހެއް ބުނެފި ކޮންމެ މީހަކު ޖަލުގެ ކުޑަގޮޅިއަށް ލަމުން ގެންދާއިރު އެ ބިރުވެރި، ނާމާން ޙާލަތުން ޤައުމު ސަލާމަތް ކުރުމުގެ ހުރިހާ ބާރުތަކެއް މިއަދު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އދ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލީ ރައްޔިތުންނާއި މުޚާޠަބްކުރައްވަމުން ފައިޞަލް މިއަދު ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމުން އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއް ބައަކީ މާމިގިލީ ރައްޔިތުން ކަމަށެވެ.
ޖޭޕީގެ ބާނީ އަދި މާމިގިލީގެ ތަރައްޤީގެވެސް ބާނީ ޤާސިމް އިބްރާހީމް އަށް ސަރުކާރުން ކުރިމަތިކުރުވާފައިވާ ނިކަމެތިކަން ބަޔާންކުރައްވަމުން ފައިޞަލް ވިދާޅުވީ މާމިގިލީގެ ތަރައްޤީއަށާއި ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރަށް ނުކުރެވުނު ވަރުގެ ޚިދުމަތްތައް ކޮށްދެއްވި ބޮޑު ޚިދުމަތްތެރިޔާ އާއިމެދު ކޮންމެ ދިވެހި ރައްޔިތަކުވެސް ވިސްނައިލުން ވަރަށް މުހިންމު ކަމަށެވެ. ޤައުމާއި ރައްޔިތުންނަށްޓަކައި އަޑު އުފުލައިފިނަމަ ކޮންމެ މީހަކަށްވެސް މިސަރުކާރުން ޖައްސާނީ ހަމަ އެހާލު ކަމަށެވެ.
ފައިޞަލް ވިދާޅުވީ ފާއިތުވަމުން މިދާ 5 އަހަރަށް ބެލި ނަމަވެސް ފެންނަނީ ކަންބޮޑުވުން އިންތިހާއަށް ހުރި ކަންކަން ކަމަށެވެ. މުޅި ޤައުމު މިވަނީ ކަންބޮޑުވުންތަކެއްގެ ތެރޭގައި ކަމަށެވެ. "ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަން މިހިސާބަށް ޢާންމުވީމާ ރައްޔިތުން ތެދުވެ ހައްޤު ހޯދަން މަސައްކަތްކުރަން އެބަޖެހޭ."
ފައިޞަލް ވިދާޅުވީ ސެޕްޓެމްބަރު 23 ގައި ލާ ވޯޓަކީ މިހާލަތު ބަދަލުކުރަން ލިބޭ ފުރުޞަތު ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓުން މާ އުފާވެރި ދުވަހަކަށް ވާސިލުވެވިދާނެ ކަމަށެވެ. އަދި ކޯލިޝަނުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމުކުރާނެ ކަމަށާއި އެކަމަށް ޔަޤީންކަން ދެއްވާ ކަމަށެވެ.