ތަރައްްޤީގެ ނަމުގައި އިސްރާފު ނުކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވެއްޖެ
އިދިކޮޅު ސިޔާސީ ކޯލިޝަންގެ ވެރިކަމެއްގައި ތަރައްޤީގެ ނަމުގައި އިސްރާފު ނުކުރައްވާނެ ކަމަށާއި މުޅި އިދިކޮޅު ކޯލިޝަން ބިނާ ވެގެންވަނީ ރައްޔިތުން އެދޭ ކަންތައްތަކުގެ މައްޗަށް ކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގެ އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނު ބުރިއަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅެއްގައި އެއަތޮޅު މަންދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބު ކުރައްވާ ފައިސަލް ވިދާޅުވީ މުޅި ކޯލިޝަން ބިނާ ވެގެންވަނީ ރައްޔިތުން އެދެ ގޮތަށް ކަންކަން ކުރުމުގެ މައްޗަށް ކަމަށާއި އެހެންކަމުން އެއްވެސް މީހެއްގެ ޙިޔާލާއި ލަފާ ކޯލިޝަނުން ބާކީވެގެން ނުދާނެ ކަމަށެވެ.
ހުރިހާ ރައްޔިތުންގެ އަޑުއެހުމަކީ މުހިންމު ކަމެއް ކަމަށާއި އިދިކޮޅު ކޯލިޝަންގެ ވިސްނުން ހުރީ ރައްޔިތުން ބޭނުންވާ ކަންކަމަށް އިސްކަން ދިނުމަށް ކަމަށް ވެސް ރަނިންމޭޓް ފައިސަލް ވިދާޅުވިއެވެ.