ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ 3 ވަނަ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ބާއްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 11ސ
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމުގެ 3 ވަނަ ޕްރޮގްރާމް ނިންމުގެ ރަސްމިއްޔާތު ބާއްވައިފި
މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންގެންދާ ސެންޓަރުތަކުގެ ޑްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ “ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް” ގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ޖުލައި 15ން 18ށް ޓްރެފިކް ޕޮލިސްގެ ރޯޑް ސޭފްޓީ ޔުނިޓުން ކުރިއަށްގެންދިޔަ މިޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޖުލައި 18ވަނަ ދުވަހުގެރޭ އިސްކަންދަރުކޮށި މަލްޓި ޕަރޕަސް ހޯލްގައި ބާއްވާފައިވާއިރު މިރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އިންޓަރނަލް ސެކިއުރިޓީ ކޮމާންޑުގެ ޑެޕިއުޓީ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީއެވެ.

މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި، ޓެކްސީ ޑްރައިވަރުންނަކީ ވަރަށްވެސް ބުރަ އަދި އެހާމެ ޒިންމާ ބޮޑު މަސްޢޫލިއްޔަތެއް އަދާކުރަމުން ގެންދާ ބައެއްކަމަށާއި ޚާއްޞަ ގޮތެއްގައި ރައްޔިތުންނާއި ވަރަށް ގާތުން ޚިދުމަތްދޭ ބަޔަކަށް ވީހިނދު ޑްރައިވަރުންގެ އަޚްލާޤާއި ސުލޫކު ރަނގަޅު ގޮތުގައި ބެހެއްޓުމަށާއި ޓެކްސީ ޑްރައިވަރުންނަކީ ގިނަވަގުތު މަގުމަތީގައި އުޅޭބައެއްކަމުން، މަގުމަތީގައި ޤާނޫނާއި ޤަވާޢިދާއި ޚިލާފު ޢަމަލެއް މީހަކު ނުވަތަ ބަޔަކުގެ ފުށުން ފެނިއްޖެނަމަ އެކަމެއްގެ މަޢުލޫމާތު ލަސްނުކޮށް ވީއެންމެއަވަހަކަށް ފުލުހުންނާއި ޙިއްސާކުރުމަށް އެދިލެއްވިއެވެ. އެފަދައިން ޙިއްސާކުރެވޭ މައުލޫމާތުގެ ސަބަބުން ކުށްމަދު މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމުގައި ޓެކްސީ ޑްރައިވަރުން ވާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓްރެފިކްގެ ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރިވެ އެކަންކަމަށް ކަމޭހިތައިގެން ޚިދުމަތްދޭ ނަމޫނާ ބަޔަކަށްވުމަށް ބައިވެރިންގެ ފަރާތުން އެދިވަޑައިގަތެވެ.

މިރަސްމިއްޔާތުގައި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފަޠުޙުﷲ ވަޙީދާއި ރޯޑް ސޭފްޓީ ޔުނިޓްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި ޓްރެފިކް ޕޮލިސްގެ އެކިއެކި ޔުނިޓްތަކުގެ އިސްވެރިން ބައިވެރިވިއެވެ.

މިރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކޮށް ފާސްވި 51 ބައިވެރިއަކަށް ފާސްވިކަމުގެ ހަނދާނީލިޔުން ވަނީ ޙަވާލުކޮށްފައިވެއެވެ.

ޓެކްސީ ޓްރައިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމަކީ މުޅިއަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. މިޕްރޮގްރާމްގައި ކިޔަވައި ދެއްވަނީ ޓްރެފިކް ޕޮލިސިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ފުލުހުންނެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން