އިސްލާމް ދީނާއި އެންމެ ބޮޑަށް އަދާވާތްތެރިވެގެން އުޅޭ އިޒްރޭލުގައިވެސް ކޮރަޕްޝަނަކީ ކުށެއް ކަމަށާއި އިޒްރޭލުގެ ބޮޑުވަޒީރުގެ ކޮރަޕްޝަން މައްސަލަތަކެއް މިހާރުވެސް ގެންދަނީ ބަލަމުން ކަމަށާއި ނަމަވެސް ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ކޮރަޕްޝަނަކީ ކުށެއް ނޫން ކަމަށް ކަނޑައަޅަން ސަރުކާރުން މަސައްކަތް ފެށުމުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހީމް ހަސަން (އެވިލާ) ވިދާޅުވެއްޖެއެވެ.
އިބްރާހީމް ޙަސަން މިއަދު ވިދާޅުވީ އިޒްރޭލުގެ ބޮޑުވަޒީރުގެ ކެންޕޭނަށް ކުންފުންޏަކުން ދިންކަމަށް ބެލެވޭ އެންމެ 300،000 (ތިން ލައްކަ) ޑޮލަރުގެ މައްސަލައެއް ހޫނުވެ ފުލުހުން މިހާރު ވަނީ މައްސަލަ ތަޙްޤީޤްކޮށް ކޯޓަށްވެސް ހުށަހަޅާފައި ކަމަށެވެ. ނަމަވެސް 100% މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮވެ ރާއްޖޭގައި ކޮރަޕްޝަނަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުމަކީ ވަރަށް ބޮޑެތި ސުވާލުތައް އުފެދޭ ކަމެއް ކަމަށެވެ.
"މިކަމުން އެނގެނީ އިސްލާމް ދީން ހިމާޔަތްކުރުމުގަ ރާއްޖޭގެ މިސަރުކާރު މިއޮތީ ޔަހޫދީ ދައުލަތް އިޒްރޭލަށްވުރެ ވެސް މާފަހަތުގަކަން ނޫންތޯ؟ ނުކުމެވަޑައިގަންނަވާ! ޖަވާބު ދެއްވާ! ރައްޔިތުން ޖަވާބު ބޭނުން!"
އިބްރާހީމް ޙަސަން ވިދާޅުވީ އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކުށަކީ ކުށެއް ނޫން ކަމަށް ކަނޑައަޅައި ފާސްކުރާ އެއްވެސް ޤާނޫނެއް ޞައްޙަ ނުވާނެ ކަމަށެވެ. އަދި އިސްލާމް ދީނުގައި ކުށެއް ކަމަށް ބަޔާންކުރައްވާފައިވާ ކޮންމެ ކަމަކީ ކުށެއް ކަމަށް ރާއްޖޭގެ ޤާނޫނުލްއުޤޫބާތުގައި ކަނޑައަޅަން ޖެހޭނެ ކަމަށެވެ.
"އިސްލާމް ދީނުގައި ބަޔާންވެގެންވާ އެއްވެސް ކުށަކީ ކުށެއް ނޫން ކަމަށް ކަނޑައެޅުމުގެ ހައްޤު އެއްވެސް މުސްލިމަކަށް ލިބިގެނެއް ނުވޭ. އެއީ ﷲ ތަޢާލާ އެއްވެސް މީހަކަށް ދެއްވަވާފައިވާ ބާރެއް ނޫން. މިއީ ކޮންމެ މުސްލިމަކަށްވެސް ކަނޑައެޅިގެން އެނގޭ މިންވަރު ނޫންތޯ؟"
އިބްރާހީމް ހަސަން ވިދާޅުވީ އިސްލާމް ދީނުގައި ބަޔާންވެގެންވާ ކުށްތައް އެއީ ކުށް ނޫން ކަމަށް ކަނޑައަޅަމުން ރާއްޖޭގައި އިސްލާމީ ވަހްދަތު ހިމާޔަތްކުރުމުގެ ވާހަކަ ދެއްކުމަކީ ކަނޑައެޅިގެން އިސްލާމް ދީނަށް ފުރައްސާރަކުރުން ކަމަށެވެ. އެފަދަ ކަންކަން ކުރަމުން އިސްލާމް ދީން ހިމާޔަތްކުރުމުގެ ވާހަކައާއި އިސްލާމް ދީން ކުރިއަރުވާ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށް ކުރާ އެންމެ ބޮޑު ފުރައްސާރަ ކަމަށެވެ.