ފާއިތުވި އަހަރުތަކުގައި މަރާލެވިފައިވާ ފާހަގަކޮށްލެވޭ އެއްވެސް މީހެއްގެ މަރުގެ މައްސަލައިގައި އެކަށީގެންވާ ޖަވާބެއް އަދި ނުލިބޭ ކަމަށާއި އެކަމުން އެނގެނީ މައްސަލައެއް އެބައުޅޭކަން ކަމަށް ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އދ މަހިބަދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ފައިޞަލް ވިދާޅުވީ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވި އެއް މައްސަލައަކީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަފްރާޝީމް އަވަހާރަކޮށްލެވުނު މައްސަލަ ކަމަށާއި އެ މައްސަލައިގައިވެސް ފުލުހުންގެ ކިބައިން އެކަށީގެންވާ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.
ފައިޞަލް ވިދާޅުވީ މިކަންކަމުންވެސް އެނގެނީ ރައްޔިތުންގެ ސަލާމަތާއި ރައްކައުތެރިކަމަށް މައްސަލަތަކެއް އެބަހުރިކަން ކަމަށާއި ކޯލިޝަނުގެ ސަރުކާރުގައި މި ބޮޑު މައްސަލައަށް ޙައްލެއް ހޯދާނެ ކަމަށެވެ.
ފައިޞަލް ވިދާޅުވީ ކޯލިޝަނުގެ ސަރުކާރުގައި ފުލުހުން ބޭނުންކުރާނީ ހަމައެކަނި ސްޓިކާ ޖެހުމަށާއި މީހުން ހައްޔަރުކުރަން އެކަނި ނޫން ކަމަށެވެ. ފުލުހުންގެ ކިބައިން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުލުހުންނަށް ފުރުޞަތު ދޭނެ ކަމަށެވެ.