ރިޝްވަތުގެ ކުށް ހިމެނޭ ބިލު މަޖިލީހުގަ ވާނެ: ނިހާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރިޝްވަތުގެ ކުށް ހިމެނޭ ބިލު މަޖިލީހުގަ ވާނެ: ނިހާން
ރިޝްވަތުގެ ކުށް ހިމެނޭ ބިލު މަޖިލީހުގައި ވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވިދާޅުވެއްޖެއެވެ. ނަމަވެސް ބިލް ވެއްދި ތާރީޚް ނޫސްވެރިން ސުވާލުކުރުމުން ވެސް ނިހާން ވިދާޅެއް ނުވިއެވެ.

ނިހާން ވިދާޅުވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހެޅި އިޞްލާޙް ފާސްކުރާނީ ކޮރަޕްޝަން މަނާކުރަން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅާފައިވާ އިޞްލާޙާއިވެސް އެކުގައި ކަމަށެވެ. އަދި 2 ބިލް ފާސްކުރުމުން މިހާރަށްވުރެ ފުރިހަމަވާނެ ކަމަށެވެ.

ނިހާން ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް އެންމެ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދަނީ މި ސަރުކާރުން ކަމަށާއި މިސަރުކާރުން އެއްވެސް މީހަކަށް އިސްތިސްނާ ކުރުމެއް ނެތި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ޢަބްދުއްރަޙީމް ހުށަހެޅިކަމަށް ނިހާން ވިދާޅުވި ބިލާއިބެހޭ އެއްވެސް މައުލޫމާތެއް މަޖިލީހުން އަދި މިހައިތަނަށް ހާމަކޮށްފައެއް ނުވެއެވެ. ފުރަތަމަ ކިޔުން އިއްވާފައެއްވެސް ނުވެއެވެ. އަދި އެފަދަ ބިލެއް ހުށަހަޅާފައި އޮތްކަންވެސް ހާމަކޮށްފައެއް ނުވެއެވެ.

ނިހާން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިޞްލާޙްތައް ހުށަހެޅުމުން ޤާނޫނުލްއުޤޫބާތުގެ ތަރުތީބަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެހެންކަމުން އޮޅުންތަކެއް ބައަކަށް އަރާފައިވާ ކަމަށެވެ.

ޤާނޫނުލްޢުޤޫބާތަށް މިފަދަ ބޮޑު ބަދަލުތަކެއް ހުށަހަޅާފައިވާއިރު އަދި ކޮރަޕްޝަނާއިމެދު ރައްޔިތުން މިހައިވަރަށް ކަންބޮޑުވުން ހާމަކުރަމުންގެންދާއިރު މިހައި ބޮޑަށް އޮޅުން އަރާ ގޮތަކަށް މިކަންކަން ހިންގާ ސަބަބާއިމެދު ވަނީ ބޮޑެތި ސުވާލުތަކެއް ުފެދިފައެވެ.
މިއަދު އޮންލައިން