ކޯލިޝަނުގެ ސަރުކާރެއްގައި ހުރިހާ ކުލައެއްގެ މީހުންނަށް ވަޒީފާ އަދާކުރެވޭނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ބ އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހު އިބޫ ވިދާޅުވީ ސިޔާސީ ވިސްނުން ތަފާތުވެގެން މިސަރުކާރުން ވަޒީފާތަކުން ވަކިކޮށްފައިވާ އެންމެންނަށްވެސް ވަޒީފާ ކަށަވަރުކޮށްދެއްވާނެ ކަމަށާއި އަދި ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯއްދަވައިދެއްވާނެ ކަމަށެވެ.
އިބޫ ވިދާޅުވީ ކޮންމެ މީހަކަށްވެސް އެމީހަކު ޤަބޫލުކުރާ ސިޔާސީ ފިކުރެއްގައި ދެމިހުރުމުގެ ހައްޤު ލިބިގެންވާ ކަމަށާއި އެ ހައްޤަކީ ނުގުޅައިގަނެވޭނެ ހައްޤެއް ނޫން ކަމަށެވެ. އެހެންކަމުން ހުރިހާ ކުލައެއްގައި ތިބެގެންވެސް ކޯލިޝަނުގެ ސަރުކާރުގައި ވަޒީފާ އަދާކުރެވޭނެ ކަމަށެވެ.
ސަރުކާރުގައި ވަޒީފާ އަދާކުރާ މުވައްޒިފުންނަށް ސިޔާސީ އެއްވެސް ބިރެއް ދައްކައިގެން ނުވާނެކަން ބަޔާންކުރައްވައި އިބޫ ވިދާޅުވީ ކޯލިޝަނުގެ ސަރުކާރެއްގައި އެއްވެސް ބިރުވެރިކަމެއް ނެތި ހުރިހާ މުވައްޒިފުންނަށް ވެސް މަސައްކަތްކުރެވޭނެ ކަމަށެވެ.